ޒަމާނަށް އަންނަ ބަދަލުތަކާއެކު، މުވާސަލާތީ ދައިރާއަށް ވެސް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ފަހުގެ އީޖާދުތަކަކީ ދިވެހިންނާ ބީރައްޓެހި އެއްޗެއް ނޫނެވެ. ހަލުއި އަދި ބަރޯސާވެވޭ ފަދަ ޙިދުމަތެއް ފޯރުކޯށްދިނުމަށް މަސައްކަތް ކުރާއިރު، އަބަދުވެސް އާ ކަންތަކަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކް ތ. ވިލުފުށީގައި ފަންބޮނޑި މޯލްޑިވްސްއިން ޤާއިމުކުރުމަކީ، އެރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ފަސޭހައެއްކަން ޔަޤީނެވެ.
ވިލުފުށީގައި ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކް ޤާއިމުކުރެވި ޙިދުމަތް ފޯރުކޮށްދޭން ފެށިފައިވާއިރު، މިއީ އެތައް ގޮތަކަށް ބޭނުން ކުރެވޭނެ ނެޓްވޯކެކެވެ. މިގޮތުން ރާއްޖޭގެ މުވާސަލާތީ ދައިރާގެ މައި ދެކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގުންވެސް އެރަށުގައި ޙިދުމަތް ފޯރުކޮށްދެނީ، މިނެޓްވޯކް މެދުވެރިކޮށެވެ. މީގެ އިތުރުން ފައިބަރ ބޭނުންވާ އެހެން ޙިދުމަތްތައްވެސް މިނެޓްވޯކްގެ ތެރެއިން ފޯރުކޮށްދެވޭ ކަމަށް މިނެޓްވޯކް ޤާއިމުކުރި ފަންބޮނޑި މޯލްޑިވްސްއިން ބުނެއެވެ.
ފަންބޮނޑި މޯލްޑިވްސްގެ ސީއޯއޯ، ފާތިމަތު އާސިޔާ މިނެޓްވޯކް ސިފަ ކުރައްވަނީ، ގެއެއް ކުއްޔަށް ނެގުން ކަހަލަ ކަމެއްގެ ގޮތުގައެވެ.
އެންމެ ކަނެކްޝަނެއް ގެއަށް ގުޅާލުމުން ދެ ކުންފުންޏެއްގެ ދެ ޙިދުމަތް އެއް ނެޓްވޯކުގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދެއެވެ. އެއް ކުންފުނިން ޓީވީގެ ޙިދުމަތް ނަގާ އަނެއް ކުންފުނިން އިންޓަނެޓުގެ ޙިދުމަތް ނެގިއަސް މަގު ކޮނެ އިތުރު ޙަރަދު ކޮށްގެން ގެއަށް އިތުރު ކަނެކްޝަނެއް ވައްދަން ނުޖެހެއެވެ.
ވިލުފުށީގައި މި މަޝްރޫޢު ފެށިގެން އައީ 2016 ވަނަ އަހަރުއެވެ. އޭރު ފަންބޮނޑި މޯލްޑިިވްސްއިން ފައިބަރ ނެޓްވޯކެއް ޤާއިމުކުރުމަށް ނިންމައި، އިންޖިނިއަރުންނާއެކު ކުރެވުނު މަޝްވަރާތަކުން، މި ޕްރޮޖެކްޓު މިގޮތަށް ކުރިއަށް ގެންދަން ނިންމިއެވެ. އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން މި ޕްރޮޖެކްޓު ފެށިއިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ސިގްނަލް ޓެސްޓު ކުރެވި، ކާމިޔާބުވުމާއެކު، ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ޙިދުމަތް ދޫކުރެވިފައިވާ ކަމަށް އާސިޔާ ވިދާޅުވިއެވެ.
މިޙިދުމަތް ވިލުފުށީގައި ދޭ ގޮތާއި ގުޅޭގޮތުން އާސިޔާ ވިދާޅުވީ، މިއީ އެކުންފުނިން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި މަޝްރޫއެއް ކަމަށާއި، މިމަޝްރޫއުގެ ދަށުން އެރަށުގެ %90 ގޭގެއަށް މިކަނެކްޝަން ގުޅޭ ދެވި ޙިދުމަތް ދޭން ފެށިފައިވާ ކަމަށެވެ.
އާސިޔާ ވިދާޅުވި ގޮތުގައި އޯޕެން އެކްސެސް ނެޓްވޯކެއް ގޮތަށް ތަރުތީބު ވުމުން މި ޙިދުމަތުގެ ތެރެއިން ހަމައެކަނި ފޯރުކޮށްދެވެނީ އިންޓަނެޓް އަދި ޓީވީ ޙިދުމަތް އެކަނި ނޫން ކަމަށެވެ. މީގެ އިތުރުން ކޮމިއުނިޓީ ޗެނަލްތަކާއި، އަދި ކެމެރާ ސިސްޓަމްވެސް މި ނެޓްވޯކްއާ ގުޅާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ފައިބަރ ގިނަ ޙިދުމަތްތަކަށް ހުޅުވިގެން ދިޔަ މަގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޖޭގެ ގިނަ ރަށްތަކުގައި މިހާރު ފައިބަރ ކަނެކްޝަނެއް ގުޅާނަމަ، ވަކިވަކި ކުންފުނިތަކުން އަމިއްލަ ނެޓްވޯކެއް ޤާޢިމުކުރެއެވެ. އަދި މަގު ކޮނެ ނެޓްވޯކް ޤާއިމުކޮށް ގޭގެއަށް ޙިދުމަތް ދިނުމަށް ބަލާއިރު ރާއްޖޭގެ ރައްތަކަކީ ވަކިން އޮންނަ ރަށްތައް ކަމުން ޙިދުމަތް ދިނުމުގައި ވަގުތު ހޭދަވެއެވެ. އަދި ގޭގެއަށް ލައިނެއް ވެއްދުމަށް ކަނެކްޝަން ފީ ވެސް ނެގެއެވެ.
އާސިޔާ ވިދާޅުވި ގޮތުގައި، ދިރާގު އަދި އުރީދޫ ފަދަ ބޮޑު ކުންފުނިތަކާއެކު އެކުންފުނިން މަސައްކަތް ކުރަނީ ޕާޓްނާޝިޕް އުސޫލުން ކަމަށެވެ. އެގޮތުން މިފަދަ ބޮޑެތި ކުންފުނި ތަކުގެ ސާވޭތަކުންވެސް، ޤާއިމު ކުރެވިފައި ހުރި ނެޓްވޯކެއްގައި ޙިދުމަތް ރަށަށް ފޯރުކޮށްދެވޭ މާބޮޑަށް ފީސިބިލް ކަމަށް ދައްކާ ކަމަށް އާސިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިޙިދުމަތް މިގޮތަށް ދޭއިރު ފަންބޮނޑި މޯލްޑިވްސް ހަރަކާތްތެރިވަނީ ނެޓްވޯކްގެ ޓެކްނިކަލް އަދި މެއިންޓެނެންސް ކަންކަމުގައި ކަމަށެވެ. އަދި ދިރާގާއި އުރީދޫ ފަދަ ސާވިސް ޕްރޮވައިޑާސް އެޑްމިނިސްޓްޓިވް ޙިދުމަތުގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަވާނެ ކަމަށެވެ.
ފަންބޮނޑި މޯލްޑިވްސްއިން ވިލުފުށީގައި މިޙިދުމަތް ދެމުންދާއިރު، ވިލުފުށީގައި ކުރިއަށް ގެންދިޔައީ ޕައިލެޓް ޕްރޮޖެކްޓެވެ. މިމަޝްރޫޢުގެ ކާމިޔާބީއާއެކު ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިކަން ކުރުމަށް ސާވޭތައް ކުރެވެމުންދާކަން އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިފަދަ ނެޓްވޯކެއް ޤާއިމުކުރުމަށް މިހާރުވެސް 2 ރަށެއްގައި ސާވޭ ކުރެވެމުންދާކަމަށް އެކުންފުނިން ބުނެއެވެ.
އާސިޔާ ވިދާޅުވީ މިހާރު ސާވޭ ކުރެވެމުންދަނީ އެއްކޮށް މަގުގައި ތާރު އެޅި ޢުމްރާނީ ގިނަ މަޝްރޫއުތައް ހިންގާފައިވާ ރަށްތަކާއި، މަގުތައް އެހާ ބޮޑަށް ނުހެދި ހުރި ރަށެއްގައި ކަމަށެވެ. އަދި މިދެރަށަށް ބަލާއިރު، މަގުތައް ހެދިފައި އޮތް ރަށެއްގައި މިފަދަ ނެޓްވޯކް ޤާއިމުކުރުމުގައި ފަސޭހަތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަންބޮނޑި މޯލްޑިވްސްއިން ވިދާޅުވީ، އެކުންފުނީގެ ނެޓްވޯކް މެދުވެރިކޮށް، ޙިދުމަތް ދިނުމަށް ހުޅުވާލީ ހަމައެކަނީ މުވާސަލާތީ ކުންފުނި ތަކަށް ނޫންކަމަށާއި، މިފަދަ އެހެން ޙިދުމަތްތައްވެސް ނެޓްވޯކް ތެރެއިން ދޭން ބޭނުންވާ ފަރާތްތަކަށް، އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.