ޚަބަރު

ޖެޓްފިއުލް ވަގަށް ނެގުންފަދަ ކަމެއް ދެން ނުހިނގާނެ-އައިއެންއައިއޭ


އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުން، މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލް ވަގަށް ނެގި މައްސަލައަށްފަހު އެފަދަ ކަމެއް ހިނގިޔަ ނުދެއްވުމަށް ކުރިޔަށްވުރެ ހަރުދަނާ ނިޒާމެއް މިހާރު ޤާއިމްކުރައްވާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކުރައްވައިފިއެވެ.

އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (އައިއެންއައިއޭ) އިން ޖެޓް ފިއުލް ވަގަށް ނަގާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމައްސަލާގައި އެކުންފުނީގެ ދެ މުވައްޒަފަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އެމްއޭސީއެލްގައި ނޫސްވެރިންނާ ބައްދަލްކުރައްވައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، ޖެޓުފިއުލް ވަގަށްނަގާފައިވަނީ ފިއުލް ހުންނަ ސަރަޙައްދަށް ދިއުން ހުއްދަކުރެވިފައިވާ ދެ މުވައްޒަފަކު، އެކުންފުނިން ބޭރުން ބަޔަކާ ގުޅިގެންކަމަށެވެ. އެމީހުން އެޢަމަލު ހިންގާފައިވަނީ ތެޔޮ ޓޭންކުން ތެޔޮ ނެގުމަށްފަހު މަތިންދާބޯޓަށް އެޅުމުގެ ކުރިން ތެޔޮ ބައުޒަރުގައި ގެންގޮސް ދޯންޏަކަށް އަރުވައިގެންކަމަށެވެ. އެމީހުން އެ ޢަމަލު ހިންގި ވީޑިއޯ ސީސީޓީވީ ފްޓޭޖްގައި ރިކޯޑްކުރެވިފައިވާއިރު، އިދާރީ ގޮތުން ކުރިއަށްގެންދާ ކަންކަމުގެ ތެރެއިންވެސް އެކަން ފާހަގަކުރެއްވުނު ކަމަށް ޢާދިލް ވިދާޅުވިއެވެ. 

އެއަރޕޯޓްސް ކޮމްޕެނީން ވިދާޅުވިގޮތުން ގިނަ ޢަދަދެއްގެ ތެޔޮ ވަނީ ވަގަށް ނަގާފައެވެ. އެކުންފުނިން ވިދާޅުވި ނަވާރަ ހާސް ލީޓަރުގެ ޖެޓް ފިއުލްކަމަށާއި، އެއީ ގާތްގަނޑަކަށް ސަތޭކަ ނުވަދިހަ ފަސްހާސް ރުފިޔާގެ ތެޔޮކަމަށް އޭނާ ވިދާޅުވިއެވެ. އެމައްސަލައަށްފަހު ޖެޓްފިއުލް އެއަރޕޯޓްގައި ގެންގުޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށްފައިވާކަމަށް ޢާދިލް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ތެޔޮ ބައުޒަރުތަކުގެ ޙަރަކާތްތައް ބެލޭނެ ނިޒާމެއް ޤާއިމްކުރައްވާފައިވާ ކަމަށާއި، އެސަރަޙައްދުން ބޭރުވެއްޖެނަމަ މެސެޖަކުން ނުވަތަ އީމެއިލުން އެކަން އެނގޭނެކަމަށް ޢާދިލް ވިދާޅުވިއެވެ.

މަތިންދާ ބޯޓަށް އަޅާ ތެލަކީ ކަރާސީންކަމަށާއި، އެއީ ޢާންމު ބޭނުންތަކަށްވެސް ބޭނުންކުރެވޭނެ ތެލެއްކަން އެމްއޭސީއެލްއިން ފާހަގަކުރައްވާ. ޢާދިލް ވިދާޅުވީ، ޖެޓްފިއުލް ގެންގުޅޭ ގޮތް މޮނިޓަރކުރާނެ އިދާރީ މަސައްކަތްވެސް މިހާރު ކުރިޔަށްވުރެ ހަރުދަނާކުރައްވައިފައިވާ ކަމަށެވެ. ކުރިއަށް އޮތްތާނގައި މިފަދަ ކަމއެއް ނުވާނެ ކަމުގެ ޔަޤީންކަން ޢާދިލް ވަނީ ދެއްވާފައެވެ.