ވިޔަފާރި

ކާފިއުއާއެކު އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށް ބޮޑު ބަދަލެއް


އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މާލެ ސަރަޙައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު އިޢުލާންކޮށްފައިވުމާއި ގުޅިގެން ގެނެސްފައިމިވާ ބަދަލާއެކު ރޭގަނޑު ޙިދުމަތްދެމުންދާނީ އެފްއެސްއެމްގެ ސްޓެލްކޯ ކައިރީ ހުންނަ ޕެޓްރޯލް ޝެޑުންނާއި، ހުޅުމާލޭގައި ހުންނަ އީޒީ ފިލް-3 ޕެޓްރޯލް ޝެޑުން އެކަންޏެވެ. އެގޮތުން މި ދެ ޕެޓްރޯލް ޝެޑުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:30 އިން ދަންވަރު 12:00 ޖެހުމާއި ހަމައަށް ޙިދުމަތްދޭނެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:30 އިން ދަންވަރު 12:00 ޖެހުމާއި ހަމައަށް ޙިދުމަތްދޭނެކަމަށް އެފްއެސްއެމްއިން ހާމަކުރެއެވެ.

އެފްއެސްއެމްއިން މާލޭގައި ހިންގާ އިތުރު ޕެޓްރޯލް ޝެޑްތަކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. އަދި ހުކުރު ދުވަހު ޕެޓްރޯލް ޝެޑު ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަކަށެވެ.

އެފްއެސްއެމް ތިލަފުށި ސޭލްސް ޕޮއިންޓުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:15 އިން ހަވީރު 4:15 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށެވެ.

އެފްއެސްއެމްގެ ހުރިހާ ޝެޑްރޯލް ޝެޑެއްވެސް ނަމާދު ގަޑިތަކަށް 20 މިނެޓަށް ބަންދުކުރާނެއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގައި އަދި ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވައިފިއެވެ.