ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ކުރި ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ މައްސަލާގައެވެ. އަބްދުއްރަހީމް ވަނީ މި ދައުވާއަށް އިންކާރުކުރައްވާފައެވެ.
މި މައްސަލަ ނުބެލޭބެކަމަށް ކްރިމިނަލްކޯޓުން ނިންމާ އިއްވި ހުކުމްގައި ބުނެފައިވަނީ މި މައްސަލާގައި ތަހުޤީގު މަރުހަލާގައި ޤާނޫނާއި ހިލާފަށް ހެކި ހޯދާފައިވާކަމަށެވެ. މިގޮތުން މި މައްސަލާގައި އޯޑިއޯ ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނަގާފައިވަނީ ޖިނާއި އިޖުރާތުގެ ޤާނޫނާއި ހިލާފަށްކަމަށް ކްރިމިނަލްކޯޓްގެ ނިންމުމުގައިވެއެވެ.
މި މައްސަލައަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވަނީ ތަހުޤީގު މަރުހަލާގައި އަބްދުއްރަހީމް ހަނުހުރުން އިހްތިޔާރުކޮށްފައިވަނިކޮށެވެ.
އަބްދުއްރަހީމް ކްރިމިނަލްކޯޓްގެ ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައެޅީ ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.