ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، މިޙާލަތުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ "ފްރަންޓް ލައިން އެލަވަންސް"ގެ ގޮތުގައި މިހާތަނަށް 145 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަމހުގެ 29ވަނަ ދުވަހާ ހަމައަށް، ފްރަންޓް ލައިން އެލަަވަންސްގެ ގޮތުގައި ސަރުކާރުން ވަނީ 145.08 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ފްރަންޓް ލައިން އެލަވަންސް 11463 މީހަކަށް ދޫކޮށްފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.
ކުރީ ސަފުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.
މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭންނުޖެހުން ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.