ކުޅިވަރު

ޒުވާނުންގެ ގައުމީ އެވޯޑް ޙަފްސީ އަބްދުﷲއަށް


   ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އެވޯޑް ޙަފްސީ އަބްދުﷲއަށް ލިބިއްޖެއެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޙަފްސީއަށް މި އެވޯޑު ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. ނ.ލަންދޫއަށް އުފަން ޙަފްސީ އަބްދުﷲ  ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތްކުރަންފެށީ 2003ވަނަ އަހަރުގައެވެ. 2003ވަނަ އަހަރު އާފަތިސް ނޫހުގައި ކުޅިވަރުގެ ޚަބަރުތައް ގެނެސްދިނުމަށްފަހު ޙަފްސީވަނީ 2004ވަނަ އަހަރު ހަފްތާ މަޖައްލާތައްކަމަށްވާ އައްޑުވަހާއި މަނަހުގެ ކުޅިވަރު ޚަބަރުތައް ގެނެސްދީފައެވެ. މިހާރު ވަޒީފާ އަދާކުރަމުންދާ ދައުލަތުގެ މީޑިއާ ސްޓޭޝަނާއި ޙަފްސީ ގުޅުނީ 2005ވަނަ އަހަރުގައެވެ. މީގެ ހަ އަހަރު ކުރިން ޓީވީއެމްގައި އުފެއްދި ސްޕޯޓްސް ޔުނިޓް ލީޑްކުރަމުންދަނީ ޙަފްސީ އަބްދުﷲއެވެ. ޓީވީއާއި ރޭޑިއޯއިން ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން ޙަފްސީ އަންނަނީ ވޮލީބޯޅައާއި ބެޑްމިންޓަންގެ އިތުރުން ކެރަމްގެ ކޮމެންޓްރީވެސް އޭނާ ޓީވީއެމްގައި ހޭދަކުރި މިދިޔަ ދިހަ އަހަރު ގެނެސްދީފައެވެ. މިއަހަރު ފާހަގަކުރެވެނީ ދިވެހި ކުޅިވަރުގެ އާއިލާއަށް ޙަފްސީ އަގުހުރި ޚިދުމަތްތަކެއް ގެނެސްދިން އަހަރެއްގެ ގޮތުގައެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްތައް ވާދަކުރާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމުގައިވާ މިނިވަން 50 ޗެމްޕިއަންޝިޕަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އެކުލަވާލި ޚާއްސަ ފޮތުގެ މަސައްކަތުގައި ބައިވެރިވެ، މުބާރާތުގައި ބައިވެރިވި ރަށްތަކުގެ މައުލޫމާތާއިއެކު މި ފޮތް ވުޖޫދަށް އައުމުގައި ޙަފްސީގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ ކުޅުންތެރިން ވާދަކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މައުލޫމާތުތަކާއި އެކި އެކި ޚަބަރުތައް ހިމެނޭ ފޮތެއް ތައްޔާރުކޮށް ކުޅިވަރުގެ އާއިލާއަށް އޭނާވަނީ ހަދިޔާކުރައްވާފައެވެ. ތޭރަ އަހަރު ކުޅިވަރަށް ޚިދުމަތްކޮށްދީފައިވާ ޙަފްސީ އަދިވެސް ހުރީ އިތުރު ޚިދުމަތްތަކެއް ކުޅިވަރުގެ އާއިލާތަކަށް ފޯރުކޮށްދިނުމުގެ ފޮނި އުއްމީދާއި އަޒުމުގައެވެ.