ސިޔާސީ

މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާއިން ފެށިގެން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ހަމަޖައްސަވަމުން ދާކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާއިން ފެށިގެން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމަވާފައިމިވަނީ، ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް މަޖިލީހުގެ ޖަލްސާތަކާ ކޮމެޓީތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމު އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވަނިކޮށެވެ.

ހައިތަމްގެ ސިޓީފުޅުގައި ރައްޔިތުންގެ މަޖިލީހަކީ 159 ސްޓާފުންނާއި، 87 މަޖިލިސް މެންބަރުން އަދި އެކި ކަންކަމުގައި ބޭރުން އެކި ފަަރާތްތަކުން ހާޒިރުވެ މަސައްކަތުގެ މާޙައުލުގައި އުޅޭ ތަނެއްކަމުން، ބަހައްޓަންޖެހޭ މިންވަރަށް ގައިދުރުކަން ނުބެހެއްޓޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި، ބަލީގައި ނިޔާވާ މީހުން އިތުރުވެފައިވާ މިދަނޑިވަޅުގައި އޮންލައިންކޮށް ޖަލްސާތަކާ ކޮމެޓީތައް ބޭއްވުން ވެގެންދާނީ، ބަލި ކޮންޓްރޯލްކުރުމަށް ވެވޭ އެހީއަކަށްކަމަށްވެސް ހައިތަމު ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންދާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މާރިޗު 30އިން ފެށިގެން މޭމަހުގެ 25ގެ ނިޔަލަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މަޖިލީހުގެ ޖަލްސާތައް އޭރު ކުރިއަށްގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އެގޮތުން ޖަލްސާތަކަށް ހުށަހެޅޭ މައްސަލަތަކާއި، ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ކޯވިޑް-19 ޙާލަތަށް ބަލާ، އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް މެންބަރުން ޙާޞިރުވެގެން ޖަލްސާތައް ކުރިއަށްގެންދަން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ 26ވަނަ ދުވަހުން ފެށިގެންނެވެ.