ގްރޭޑް 9 އެއްގެ ދަރިވަރުންގެ އިމްތިހާންތައް ސްކޫލްއަށް ދަރިވަރުން ހާޒިރުކޮށްގެން ކުރިއަށް ނުގެންދާގޮތަށް ނިންމައިފިއެވެ.
ސްކޫލްއަށް ދަރިވަރުން ހާޒިރުކޮށްގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި އާއި ކޯވިޑް ހަލުވިކަމާއެކު ފެތުރެމުންދާ ރަށްތަކުގެ ސްކޫލްތަކުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ އެހެން ގްރޭޑްތަކުގެ އިމްތިހާން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުން ސްކޫލްއަށް ހާޒިރުކޮށްގެން އެއިމްތިހާން ކުރިއަށް ނުގެންދިޔަ ނަމަވެސް ޓީޗަރ ބޭސް އެސެސްމެންޓް ނުވަތަ އޮންލައިން ކޮށް އިމްތިހާނު ހަދަން ޖެހޭނެކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ ސްކޫލް ދަރިވަރުންނަށް ޑޭޓާ ފޯރުކޮށްދެމުން ގެންދާނީ ދިރާގު ނަމްބަރުތަކަށް އެކަނި ކަމަށެވެ. އެގޮތުން ދިރާގުން 35 ރުފިޔާއަށް ފަސްޖީބީ ފޯރުކޮށްދެމުންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުރީދޫ ނަންބަރު ގެންގުޅޭ ފަރާތްތަކުން، ދިރާގު ނަމްބަރެއް ނަގައި، އެ ނަމްބަރަށް ޑޭޓާ ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑު ކޭސްތައް އިތުރުވެ މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ފާސް ހިފައިގެންނެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާން ހަދަންދާ ދަރިވަރުންނަށާއި އެކުދިން ގޮވައިގެން ސްކޫލްތަކަށްދާ ބެލެނިވެރިންނަށް ޚާއްސަ ފާހެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
އޯލެވެލް އިމްތިހާނު ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި ޕޮޒިޓިވް ވެފައިވާ ކުދިންނާއި ކަރަންޓީންގައި ތިބި ކުދިންނަށްވެސް ވަކި އެގްޒާމް ހޯލެއްގައި އިމްތިހާނު ހެދުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މާލެ ސަރަހައްދުގައި ކޯވިޑް ފެތުރުން އިތުރުވަމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކޮށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށްވެ. އަދި އަތޮޅުތަކުގައިވެސް ކޯވިޑް ކޭސްތައް ފެނި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ސްކޫލްތައްވެސް ބަންދުކޮށް އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ.