ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންގެ ލޯންތައް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ފަށައިފި


އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞަލީހް ނިންމަވާފައިވާތީއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބީއެމްއެލްއިން ދަރިވަރުން ނަގާފައިވާ ލޯން މިނިސްޓްރީ ދަށަށް ބަދަލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ބީއެމްއެލްއާއެކު މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފަށާފައިވާކަމަށާއި އެކަން ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އަންނަކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓްރީން ވަނީ ބީއެމްއެލްއިން ނަގާފައިވާ ލޯން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުންވާނަމަ އެކަން އެންގުމަށް ދަރިވަރުންނަސް އަންގާފައެވެ.


ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުން ވަނީ މީގެކުރިން އިތުރުކޮށްދެއްވާފައެވެ.

މީގެ ކުރިން ރައީސް ވަނީ އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ފްލައިން ސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށްވެސް ނިންމަވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިޔުމާ ގުޅިގެން އެކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ނިންމަވާފައެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

ފްލައިން ސްކޫލްގެ މައްސަލަތަކުގެ ތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުން ނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.