މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ގްރީން ފަންޑުން 31 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންްސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ގްރީން ފަންޑަށް ވަނީ 214 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހު 57 މިލިއަން ރުފިޔާ، ފެބްރުއަރީމަހު 63 މިލިއަން ރުފިޔާ އަދި މަރޗުމަހު 93 މިލިއަން ރުފިޔާވަނީ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ފަންޑުން 30 މަޝްރޫޢެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި މި މަޝްރޫޢުތަކަށް ގްރީން ފަންޑުން 214 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެެވެ. މިގޮތުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓަރީ އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢަށެވެ. މި މަޝްރޫއަށް ގްރީން ފަންޑުން ވަނީ 7.8 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ގްރޭޓަރ މާލެ އެންވަރޔަރަމެންޓަލް އިންޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުއަށެވެ. މި މަޝްރޫޢަށް 3.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އަތޮޅުތެރޭގޭ ވަކި ވަކި ރަށްތަކުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކަށް ބަލާއިރު، ގއ. ގެމަނަފުށީ ނަރުދަމާގެ މަސައްކަތަށް 2.5 މިލިއަން ރުފިޔާ، ނ. މާޅެންދޫ ނަރުދަމާގެ މަސައްކަތަށް 1.5 މިލިއަން ވަނީ ޙަރަދުކޮށްފައެވެ.
ފުރަތަމަ ކުއާޓަރު ނިމުނުއިރު ގްރީން ފަންޑުގައި ހުރީ 921.8 މިލިއަން ރުފިޔާއެވެ. ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.