ވިޔަފާރި

ކާނާ ޔަޤީންކަމަށް ރާއްޖޭގައި ގޮދަން ފުށް އުފައްދަން ފަށަނީ


ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް ރޯ ގޮދަން ރާއްޖެ ގެނެސް، ގޮދަން ފުށް އުފެއްދުމުގެ ވިސްނުން ގެންގުޅޭކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ކޯވިޑާއެކު ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމުގެ މުހިއްމުކަން ހާމަވެފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުން ގޮދަން ގެނެސް، ރާއްޖޭގައި ގޮދަން ފުށް އުފައްދާނެ ޕެކްޓަރީއެއް ހެދުމުގެ ވިސްނުން އެސްޓީއޯއިން ގެންގުޅޭކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރާއްޖެއިން ބޭރުން ގޮދަން ގެނެސް، ރާއްޖޭގައި ގޮދަން ފުށް އުފެއްދުމުން ކާބޯތަކެތީގެ ޔަޤީންކަންވެސް ބޮޑުވެގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން އޭގެ ފުށް ހަދާ ފެކްޓްރީއެއް ރާއްޖޭގައި ޤާއިމްކުރުން" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އަމްރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރަށްވެސް އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި ސެންޓްރަލް ވެއަރ ހައުސްއެއް ޤާއިމްކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަނުގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން މިދިޔައަހަރުވެސް ވަނީ ކާމިޔާބީތަކެއް ހޯދައި، އިތުރު ވިޔަފާރިތަކަށް ވަދެފައެވެ. މިގޮތުން ޝިޕިންގ ވިޔަފާރި އަލުން ފަށާފައިވާއިރު، "ޑިޖިޓަލް ބޭންކިން" އަށް ދިއުމުގެ ވިސްނުންވެސް އެސްޓީއޯއިން ގެންގުޅެއެވެ. އަދި ކޯވިޑް ތެރޭގައިވެސް ރާއްޖެއަށް ކާބޯތަކެއްޗާއި ބޭހުގެ ޔަޤީންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެސްޓީއޯއިން ވަނީ ކޮށްދެއްވާފައެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.