ކުޅިވަރު

ޤައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް ހޯދައިފި


ޓެން ބޯލް ބިލިއާޑް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން، މުހައްމަދު ޝަރީފް ހޯދައިފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދީ ދުންޔާޒް އާއި ވާދަކޮށް ހަތް ފްރޭމް ތިން ފްރޭމުން ފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ތައްޓާއި އިނާމް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދުއެވެ. ގައުމީ ޓެންބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި މުހައްމަދު ޝަރީފަށް ޗެމްޕިއަން ޓްރޮފީއާއިއެކު ހަތްހާސް ރުފިޔާގެ ފައިސާގެ އިނާމްވަނީ ދީފައެވެ. މުބާރާތުގެ ދެވަނަ ހޯދި ދުންޔާޒަށްވެސްވަނީ ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމް ދީފައެވެ. މުބާރާތުގެ ތިންވަނަ މަގާމް ހޯދީ ހުސައިން ފަޔާޒްއެވެ. އޭނާއަށް ދެހާސް ރުފިޔާގެ ފައިސާގެ އިނާމްވަނީ ދީފައެވެ. މި ކުޅުންތެރިންގެ އިތުރުން މުބާރާތުގެ ގަދަ ސޯޅާގައި ހިމެނުނު ކުޅުންތެރިންނަށްވެސް ހަނދާނީ ލިޔުމާއިއެކު ފައިސާގެ އިނާމްވަނީ ދީފައެވެ.މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޔޫސުފް ޒުބައިރުއެވެ. އަދި މުބާރާތުގެ އެންމެ އާދަޔާ ހިލާފު ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ހުސައިން ފަޔާޒްއެވެ.