އައްޑޫގައި ޑެލިވަރީ އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ގަޑި އިތުރުކުރުމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.
އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ވަގުތު ހަވީރު 6:00 ޖެހުމާއި ހަމައަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކާފިއު ގަޑީގައި، މަސައްކަތްކުރާ ސައިޓުން އެހެން ތަނަކަށް ދެވޭނީ ކޮންސްޓްރަކްޝަން ކުންފުނީގެ ހުއްދަ ދެވިފައިވާ ވެހިކަލެއްގައި ނުވަތަ ހަމަޖައްސައި އިންތިޒާމެއްގެ ދަށުންކަމަށް އައްޑޫ އީއޯސީން ބުނެއެވެ.
މީގެ އިތުރުން ޑެލިވަރީ އަދި ޓޭކްއަވޭ ގަޑި ވިޔަފާރިވެރިންގެ ޕެޓިޝަނަކާއެކު އިތުރު ކޮށްދީފައިވާކަން އައްޑޫ އީއޯސީން ފާހަގަކުރެއެވެ. މީގެކުރިން އައްޑޫގައި ޑެލިވަރީ ކުރެވެނީ ރޭގަނޑު 8:00 ޖެހުމާއި ހަމައަށް ނަމަވެސް މިހާރު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ކުރެވޭނެ ކަމަށް އައްޑޫ އީއޯސީން ބުނެއެވެ.
އެގޮތުން މީގެކުރިން ޖަމާޢަތުގައި ނަމާދު ކުރަން ފުރުސަތު ދިނުމަށް ނިންމި ނަމަވެސް އެކަން މަޑު ޖައްސާލާފައިވާކަން އައްޑޫ އީއޯސީން ފާހަގަކުރެއެވެ. އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު މެދުކަނޑާލުމުގެ އިތުރުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގައެވެ. މިއިން ފިޔަވަޅަކަށް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް ވިޔަފާރިތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ.
"އަޅުގަނޑުމެންނަށް ލުއި ދެވެން އޮތް މިންވަރަކަށް ހާލަތައް ބަލައި ލުއި ދެމުން ދާނަން. ދަތިކަން އެބަހުރި ގެއްލުންތައްވެސް އެބަހުރި. ކުދި ވިޔަފާރިތަކަށްވާ ގެއްލުންތަކެއް ވެސް އެބަހުރި. ވިޔަފާރިވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ޕެޓިޝަނެއް ވެސް ގެނެވުނު. ޕެޓިޝަނުގައިވާ ގޮތަށް ޑެލިވަރީ ވަގުތު އިތުރުކޮށް މިދިނީ. ގާޑިޔާ އަދި އެހެނިހެން ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ބާލާއިރު، އިޖުތިމާޢީ އެއްވުންތައް އެއްވެވޭ ހާލަތެއްގައި އައްޑޫ އަދި ނެތް " މޭޔަރ ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުންނަށް ދަތިތަކެއް ހުރުމާއެކު، ހަފްތާއަކު ދެދުވަހު ގުޅިފައިވާ ރައްތަކަށް ފެރީ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައްޑޫ އީއޯސީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެގޮތަށް ދަތުރު ކުރެވޭނީ ޒަރޫރީ ހާލަތުގައި އެސްއެސްޑީ ހުއްދަ ލިބިގެން ކަން އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ފާހަގަ ކުރެއެވެ.
އައްޑޫއިން ހޮނިހިރު ދުވަހު 6:00އާ ހަމައަށް ކޯވިޑަށް ފަރުވާ ހޯދާ 50 މީހުން އެބަތިއްބެވެ. މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިން މިހާތަނަށް 324 މީހަކު ވަނީ އައްޑޫން ޕޮޒިޓިވް ވެފައެވެ. އަދި 272 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.