ޚަބަރު

ރަށްރަށުގައި ގެދޮރު އަޅަން ކުޑަ އިންޓްރެސްޓް ރޭޓަކާއެކު ލޯނަށް މިހާރު އެދެވޭނެ


ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ދޫކުރާ ލޯނު ސްކީމް %6 އިންޓްރަސްޓް ރޭޓާއެކު އިފްތިތާހްކޮށްފިއެވެ. "ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ،ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވީ މިއީ ކުރިން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަށް ވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެއްކަމަށެވެ. އެޗްޑީއެފްސީ މެދުވެރިކޮށް މިލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

"ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާޙް ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވީ މިލޯން ސްކީމްގެ އަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭވެނެ ގޮތް ހައްދަވައިދެއްވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށްޓަކައި ނަގާ ލޯންތަކަކީ އަތްފޯރާފަށުގައި ލިބެންޖެހޭ ލޯންތަކެއް ކަމަށެވެ. އަދި މިސްކީމްގެ ދަށުން ބޯހިޔާވަހި ކަމަށް މާލެއަށް ބަދަލުވުމުގެ ބަދަލުގައި ރަށު ރައްޔިތުންނަށް ރަށުގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ލޯން ސްކީމްގެ ސަބަބުން ހަދަން ފަށާ ނުނިމި ހުރި ގެތައް ނިންމުމަށާއި އަލުން އިމާރާތް ކުރުމަށްވެސް ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

"އެކި ކަންކަމުގައި މާލެއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވޭ އެބަ. މިގޮތުން ވަޒީފާއަށާއި ތަޢުލީމަށާއި ސިއްހީ ފަރުވާއަށް އަދި ޚާއްސަކޮށް ބޯހިޔާވަހިކަމަށްވެސް މީހުން މާލެ އެބައާދެ. އާއްމު ގޮތެއްގައި ބޭންކުން ލޯން ދޫކުރަނީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި. އިމާރާތް ކުރުމަށް ޚަރަދުކުރާ ލޯން އަތްފޯރާފަށުގައި ލިބެންޖެހޭ" މިނިސްޓަރ އަަސްލަމް ވިދާޅުވިއެވެ.


މިސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 އިންސައްތައަށްވާ ފައިސާއެވެ. އަދި ބާކީ 20 އިންސައްތައަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެވެ. އެ 20 އިންސައްތައަކީ މަޝްރޫއަށް ކޮށްފައިވާ ޚަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ އިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެއެވެ. މި ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. އަދި 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލޯނު އަނބުރާ ދެއްކުމަށް ދީފައިވެއެވެ. ލޯނުގެ މޯގޭޖަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަންޏެވެ. އިމާރާތް ކުރުމަށްދޭ ގްރޭސް ޕީރިއަޑަކީ 12 މަހާއި 15 މަހެވެ. އަދި މިލޯނަށް އެދެވޭނީ މަދުވެގެން ދެ ފަރާތް ހިމަނައިގެންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ އާއި އެޗް.ޑީ.އެފް.ސީއާ ގުޅިގެން ހިންގާ މި ސްކީމްގައި ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. އަދި ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައިވުމާއި ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ ތިން އަހަރުވެސް ވާންޖެހެއެވެ. ލޯނު ދިނުމުގައި އިސްކަންދެނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.