ޚަބަރު

ނުފޫޒެއްނެތި ކަންކަން ނިންމުމުގެ ހައްޤު ފަލަސްޠީނަށް ލިބެންޖެހޭނެ


ފަލަސްޠީނުގެ
ރައްޔިތުންނަށްވެސް، ބޭރުގެ ނުފޫޒެއްނެތި އަމިއްލަ ޤައުމު މިނިވަންކަމާއެކީ
ކުރިއަށް ގެންދާނެގޮތްތައް ނިންމުމުގެ ޙައްޤު ލިބެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ
މިހެން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން
ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.



މިމެސެޖުގައި
ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގައި
ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް
ޔާމިން ދެއްވާފަވެއެވެ. އަދި، ފަލަސްޠީނަށް ލިބިދޭންޖެހޭ ސުލްޙަވެރިކަމާއި
އިންސާފު ނުލިބި އިތުރު އަހަރެއް ފާއިތުވެގެން ދިޔުމުން
ހިތާމަކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



ފަލަސްޠީނުގައި
އިތުރުވަމުން އަންނަ ހަމަނުޖެހުންތަކާއި، ފަލަސްޠީނުގެ ހީނަރުވަމުން އަންނަ
އިންސާނީ އަދި އިޖުތިމާޢީ ޙާލަތަށް އަލިއަޅުއްވާލައްވަމުން، ފަލަސްޠީނުގައި
އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ލާއިންސާނީ ޢަމަލުތަކަކީ ނަސްލީ
ތަފާތުކުރުމުގެ ސަބަބުން ގިނަ ދުވަސް ތަކަކަށް ދެމިގެންގޮސްފައިވާ ކަންކަން
ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި، މިފަދަ
އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ވަނީ
އެމީހުންގެ ގެދޮރު ދޫކޮށް، ދުރު ތަންތަނަށް ހިޖުރަކުރަންޖެހިފައިކަންވެސް
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، ފަލަސްޠީނުގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް މިހާރުންމިހާރަށް
ޙައްލެއް ހޯދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ފަލަސްޠީނުގެ
ރައްޔިތުން އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކު ދިރިއުޅެމުންދާ
ދުވަހެއް ފެނުމުންނޫނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ކުރެވެމުންދާ
މަސައްކަތްތައް ފުރިހަމަނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ފަލަސްޠީނު ސަރަޙައްދުގައި އަމާންކަން ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ
ރައްޔިތުންނަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި
ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސް ކުރައްވާފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، ފަލަސްޠީނަކީ އ.ދ.ގެ ނޮން-މެމްބަރ އޮބްޒަރވަރ ދައުލަތެއްގެ ގޮތުގައި
އ.ދ.ގެ މެންބަރު ޤައުމުތަކުން ބަލައިގަތުމުން، ބައިނަލްއަޤްވާމީ މުޖުތަމަޢު
ފަލަސްޠީނާ އެކުގައި ވާކަން ހާމަވެގެންދިޔަ ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.
އަދި، ފަލަސްޠީނުގެ ދިދަ، އ.ދ. ގެ މައިމަރުކަޒުގައި، އ.ދ. ގެ އެހެންޤައުމުތަކުގެ
ދިދަތަކާއެކު ނަގާފައި ހުރުމަކީ ޙަޤީގަތުގައިވެސް ފަލަސްޠީނަށް ލިބިގެންދިޔަ ކުރިއެރުމެއް
ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، ވަރަށް އަވަސް މުސްތަޤްބަލެއްގައި، ފަލަސްޠީނަކީ ފުރިހަމަ މިނިވަން
ދައުލަތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.