ޚަބަރު

60 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއަކަށް ދޫގަސް ބަދަލުކޮށްފި


އައްޑޫސިޓީ ގަމުގަައި ހުންނަ ދޫގަސް، 60 މީހުންގެ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ދޫގަސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އައްޑޫގައި މިވަގުތު ގިނަ އަދެދެއްގެ ބިދޭސީންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު، އެމީހުން އައިސޮލޭޓްކޮށް މެނޭޖް ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ދޫގަސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާއިއިރު އެތަނުގައި 60 މީހުންގެ ޖާގަ ހުންނާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ބިދޭސީންގެ ތެރޭގައި ކޯވިޑްގެ ބޮޑު ކްލަސްޓަރއެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ހޯމަ ދުވަހުގެ ހަވީރު 6:00 ހަމައަށް 37 ބިދޭސީން މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިކަމާއި ގުޅިގެން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ހިތަދޫ ބަންދު ކުރުމާބެހޭ މަޝްވަރާތަކެއް ކުރިއަށްދާކަމަށާއި، އެގޮތަށް އެކަން ކުރާނީ ހާލަތު އިތުރަށް ގޯސްވާނަމަކަމަށެވެ.

އައްޑޫގައި ހޯމަ ދުވަހު 6:00 އާއި ހަމައަށް ކޯވިޑްގެ 73 އެކްޓިވް ކޭސް އެބައޮތެވެ. އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ގިނަ އަދަދެއްގެ ކޭސްތައް ފެންނަމުންދާއިރު މިހާތަނާށް 367 މީހަކު ޕޮޒިޓިވްވެ 292 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.