ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ކޮރެޔާގެ ރައީސާއަށް ތައުޒިޔާ ވިދާޅުވެއްޖެ


ކޮރެޔާގެ ކުރީގެ ރައީސް ކިމް
ޔަންގް-ސެމް އަވަހާރަވުމާ ގުޅިގެން، ކޮރެޔާގެ ރައީސާ ޕަކް ގުން ހޭއަށް
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެ މެސެޖެއް
ފޮނުއްވައިފިއެވެ.



ދެކުނު ކޮރެޔާގައި ޑިމޮކްރެސީ
ޤާއިމް ކުރުމަށް ކޮރެޔާގެ ކުރީގެ ރައީސް ކިމް ޔަންގް-ސެމްގެ ޒަޢާމަތުގައި
ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި، އެ މަސައްކަތްޕުޅުތަކުން
ކުރިއަށް އޮތްތާނގައިވެސް ކޮރެޔާއަށް އިތުރު ފާގަތިކަމާއި ތަރައްޤީ ގެނެސްދޭނެ ކަމުގައި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި،
އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ކޮރެޔާގެ ރައީސާއަށާއި، ސަރުކާރަށާއި،
ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި ކޮރެޔާގެ ކުރީގެ
ރައީސް ކިމް ޔަންގް-ސެމްގެ ޢާއިލާއަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް
އެދިވަޑައިގެންފައިވެއެވެ.



 



 



***********