ކުޅިވަރު

މޮޅުވިޔަސް ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި - ސުޒޭން


މޮޅުވިނަމަވެސް ޓީމްގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށް މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ މާޒިޔާ ކާމިޔާބުހޯދީ ވެލްނސިޔާއާ ދެކޮޅަށް ކުޅެ ދެލަނޑު އެއްލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީވެސް މާޒިޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ނާޝިދެވެ. މެޗްގައި ވެލެންސިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮޅުކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާ ހެންސީ އަވީލޯއެވެ. މިލަނޑު އަވީލޯ ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައެވެ. މެޗުން މާޒިޔާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގެ ފަހުކޮޅު ކުޅެން ނިކުތް ޕަބްލޯ ރޮޑްރިގޭޒްއެވެ. މިލަނޑު ޕަބްލޯ ކާމިޔާބުކުރީ ލިބުނު ކޯނަރެއްގައި ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗްގެ އިތުރު ވަގުތުއެވެ.މެޗަށްފަހު މާޒިޔާގެ ކޯވް ޢަލީ ސުޒޭންބުނީ ޤައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަށްފަހު މާޒިޔާގެ ފަރިތަކުރުން ކުރިޔަށް ގެންދަނީ އެހެން ޓީމްތަކާ ޚިލާފަށް ވަރަށް މަދު ކުޅުންތެރިއަކާއެކު ކަމަށާއި އެކަމުގެ ސަބަބުން ޓީމްގެ ކުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާކަމަށެވެ. މުހިންމު ގިނަ ކުޅުންތެރިންނަށް އަނިޔާވެ ކުޅުމާ ދުރުގައި ތިބެން ޖެހެނީ އެ ސަބަބާހުރެ ކަމަށް ސުޒޭންބުންޏެވެ. އެގޮތުން މިރޭގެ މެޗްގައިވެސް ގިނަ ކުޅުންތެރިން ކުޅުނީ އަނިޔާގައި ތިބެ ކަމަށާއި އުމެއިރުކަހަލަ މުހިންމު ކުޅުންތެރިން ކުޅުމުގެތެރެއަށް ގެނެވޭ ވަރަށްވުރެވެސް ލިބިފައިވަ އަނިޔާ ބޮޑުކަމަށެވެ.މެޗަށްފަހު ވެލެންސިޔާގެ މެނޭޖަރ ޢަބްދުﷲ ޝިބާބުނީ މުޅި މެޗްގައި އެންމެ މޮޅަށް ގިނަ ވަގުތު ކުޅުނީ ވެލްނސިޔާ ކަމަށާއި ނަމަވެސް ނަތީޖާއާމެދު ހިތްހަމަނުޖެހޭކަމަށެވެ. މުހިންމު ވަގުތެއްގައި ގެއްލުނީ މުހިންމު ޕޮއިންޓްތަކެއްކަމަށެވެ. އަދިވެސް ނިކުންނާނީ މެޗަކަށްވުރެ މެޗެއް ރަނގަޅުކޮށް އިތުރަށް ކުރިޔަށް ދިއުމަށްކަމަށެވެ.މި ނަތީޖާއާއެކު މާޒިޔާ އަދިވެސް އޮތީ ތާވަލްގެ ތިންވަނައިގައި 21 ޕޮއިންޓާއެކުއެވެ. ވެލެންސިޔާ އޮތީ ތާވަލްގެ 7ވަނައިގައި 12 ޕޮއިންޓާއެކުއެވެ.