ވިޔަފާރި

އެމެރިކާގެ ޓްރެވަލް އެޖެންޓުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު


އެމްއެމްޕީއާރުސީން ރާއްޖޭ އިޝްތިހާރުކުރުމަށް އެމެރިކަން ސޮސައިޓީ އޮފް ޓްރެވަލް އެޑްވައިސަރސް (އަސްޓާ)އާ ގުޅިގެން ވެބިނަރއެއް ބާއްވައިފިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ވެބިނަރގެ މައިގަނޑު މަގުސަދަކީ އެމެރިކާ މާކެޓްގެ ޓްރެވަލް އެޖެންޓުންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ލިބެން ހުރި ތަޖުރިބާތަކަށް ތަމްރީންކޮށް، އެމެރިކާ މާކެޓްގައި ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެެވެ.

އެމެރިކަން ސޮސައިޓީ އޮފް ޓްރެވަލް އެޑްވައިސަރސް ( އަސްޓާ) އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކަރަކާތްތެރިވާ ޓްރެވަލް އެޑްވައިސަރސް ތަމްސީލްކޮށްދޭ އެންމެ މަޤުބޫލް އެއް ޖަމިއްޔާއެވެ. 120އަށް ވުރެ ގިނަ ޤައުމު ތަމްސީލްކުރާ 14500އަށް ވުރެ ގިނަ މެމްބަރުން މި ޖަމިއްޔާގައި ހިމެނެއެވެ.
އެެހެންކަމުން އަސްޓާ އާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ އެމެރިކާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.

އެއް ގަޑިއިރުގެ މި ވެބިނާގައި ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް، ހޮޓެލެ އަދި ރާއްޖޭގައި ކުރެވޭ ތަފާތު ހާއްސަ ތަޖުރިބާތަކުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.

ވެބިނަރ ނިންމާލަމުން ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނުގައި ޕީސީއާރު ޓެސްޓް ހެދުމާއި ރާއްޖެއަށް އެތެރެވުމުގައި ބަލާ މިންގަނޑުތަކާއި ރިސޯޓް ސްޓާފުން ވެކްސިނޭޓްކުރެވިފައިވާ އަދަދާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ. ވެބިނަރގައި ބައިވެރިވި ފަރާތްތަކަށް ލިބިގެންދާ މައުލޫމާތުގެ ޒަރިއްޔާއިން ރާއްޖެ އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކުމަށް އިތުރު ހިއްވަރެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

އެމެރިކާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. ތަފާސް ހިސާބުތަށް ދަށްކާގޮތުން މިދިޔ މޭމަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 15914 ފަތުރުވެރިން ރާއްޖެއަށްވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު އެމެރިކާވެފައިމިވަނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.