ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝައުޤުވެރިވެރިކަން އެބަހުރި: ފުއާދު


އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަމަށް އެކޮމިޝަނުގެ މިހާރުގެ މެންބަރު އަދި ކުރިން އެކޮމިޝަނުގެ ރައީސްކަން ކުރައްވާފައިވާ ފުއާދު ތައުފިޤް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވަން ތައްޔާރުވަމުންދާ ބައި އިލެކްޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިޢަދު ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި ފުއާދު ތައުފީޤު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެކޮމިޝަނުގެ ރައީސަކަށް ވެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާކަމަށެވެ.

ފުޢާދު ވިދާޅުވީ ފެހި ޤާނޫނު އަސާސީއާއެކު އޭރު އިންތިޤާލީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވައި ފަހުން ކޮމިޝަނުގެ ރައީސްކަން 4 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާއިރު، ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މިދިޔަ ނޮވެންބަރު މަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ ދޮޅު އަހަރެއްވެފައިވާއިރު، އެހެންކަމުން ތަޖުރިބާގެ ގޮތުންނާއި އުމުރުންގެ ގޮތުން ބެލިނަމަވެސް މެންބަރުންގެ ތެރެއިން އެންމެ ސީނިއާކޮށް ހުންނެވީ އޭނާކަމަށް ފުއާދު ވިދާޅުވިއެވެ.

"މިހާރު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައިތިބީ އަޅުގަނޑާއެކު މަސައްކަތްކުރައްވާފައިވާ ބޭފުޅުން. ދެން އެބޭފުޅުންގެ ލޯތްބާއި އިޙްތިރާމް އަޅުގަނޑަށް އޮވޭ. ދެން އަޅުގަނޑު ވަރަށް އުންމީދާއެކީގައި މިހުންނަނީ. އެގޮތަށް ކުރިމަތިލާން ވެއްޖެނަމަ އަޅުގަނޑު ކުރިމަތިލައިގެން އެކަމާ ހަވާލުވާން ތައްޔާރު. އުންމީދު އެބައޮތް. އަދި އަޅުގަނޑަށް ޤަބޫލުކުރެވޭ އެކަން ކުރެވޭނެކަމަށް" ފުއާދު ތައުފީޤް ވިދާޅުވިއެވެ.

އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުއާދު ތަޢުފީޤްވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާޗްމަހާއި ހަމައަށް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ.

ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ. އެހެން ނަމަވެސް 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ނުވާނަމަ ކޮމިޝަންގައި ތިބި 4 މެންބަރުންގެ މެދުގައި ނަގާވޯޓަކުންވެސް ކޮމިޝަނުގެ ރައީސް ކަނޑައެޅިދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވުމާއެކު މިވަޤުތު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައިތިބީ ނާއިބުރައީސް އިސްމާޢީލް ހަބީބުއާއި، ފުއާދު ތައުފީޤް ހިމެނޭހެން ޖުމްލަ ހަތަރު މެންބަރުންނެވެ.