ޚަބަރު

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި މެންބަރުންގެ ބޮޑު ކަންބޮޮޑުވުމެއް


މާލޭގައި 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުޑަ ކުއްޖާ މަރާލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ، ކުއްޖާގެ މަރާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ހުޅުމާލޭގައި ރަހީނުކޮށް، މަރާލި ކުޑަކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ ބަލައިގަނެ، މަޖިލީހުގައި ބަހުސްކުރުމަށް ފާސްވީ، އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

މިމައްސަލަ ހުށައަޅުއްވަމުން މަޑަވެލި ދާއިރާގެ މެންވަރު ފިރުޝާން ވިދާޅުވީ 13 އަހަރުގެ ކުއްޖާ އަނިޔާވެރިގޮތަކަށް މަރާލާފައިވާކަން ފުލުހުން ހާމަކުރި ޚަބަރާއެކު އިއްޔެ ވެގެންދިޔައީ އަނދިރި ދުވަހަކަށްކަމަށެވެ. ފިރުޝާން ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް ބޮޑެތި ޖަރީމާތައް ހިންގާ މީހުން ފާހަގަވާކަމަށާއި، އެހެން ނަމަވެސް މައުސޫލު ކުޑަކުއްޖަކާމެދު މިހާ ރަހުމްކުޑަ، ލާއިންސާނީ ގޮތަކަށް ދިވެހި ފަސްގަނޑުގައިން ކަންތައްވެގެން ދިއުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ޖަރިމާތައް ހިންގާ އަނިޔާވެރި މީހުން ރާއްޖޭގައި އުޅޭކަން އެނގުމަކީ ވަރަށް ބިރުވެރިކަމެއްކަމަށް ފިރުޝާން ވިދާޅުވިއެވެ.

"13 އަހަރުގެ ކުޑަކުއްޖެއްގެ ވާހާކަ މިދައްކަނީ. މާދަމާ އަޅުގަނޑުމެންގެ މާދަމާ އަޅުގަނޑުގެ ނޫނީ ތީގެ ތެރެއިން ބޭފުޅެއްގެ ޢާއިލާގެ ކުއްޖަކަށް ނޫނީ ދަރިއަކަށްވެސް ދިމާވެދާނެ. މިހާދިސާއިން ފެނިގެންދިޔައީ އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ ބޮޑު ފެއިލިއާއެއް. ބައެއް މީޑިއާތަކުން އެކުއްޖާއަކީ ގޭންގު މެންބަރެއްކަމަށް ބުންމަުން ދިޔަކަމީ ހިތާމަކުރާކަމެއް" ފިރުޝާން ވިދާޅުވިއެވެ.

މަރާލި ކުއްޖާއަކީ ދައުލަތުން ޢިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުންދިޔަ ކުއްޖެއްކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިއީ އިތުރަށް ބަލަންޖެހޭކަމެއްކަމަށާއި، މިކަމާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން މިކަން އިތުރަށް ބަލައި އިހުމާލުވެފައިވޭތޯ ބަލަން ޖެހޭކަމަށްވެސް މެންބަރު ފިރުޝާން ވިދާޅުވިއެވެ.

މިމައްސަލާއިގެ ބަހުސްގެ ވަގުތު އިތުރުކޮށްގެން މަޖިލީހުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ މިމައްސަލައިގެ ސީރިއަސްކަމާއި ނުރައްކާތެރިކަން ފާހަގަކޮށް މިފަދަ ޢަމަލުތަކުގެ ނުރައްކާތެރިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކާފިއު ޢިއުލާންކޮށްފައިވާ ދުވަސްތަކެއްގައި މިފަދަ ނޭދެވޭ ބިރުވެރި އަމަލެއް ހިންގައި ކުއްޖާ މޫދަށް އެއްލާލުމާއި ހަމައަށް މިކަން އަމަން ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް ނައުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް މެންބަރުން ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރުވެސް ދަޢުލަތުގެ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ކުދިންތަކެއް ތިބިތޯ ބަލައި އެފަދަ ކުދިން ދެނެގަނެ މިފަދާ ނޭދެވޭ އަމަލުތަކަށް ކުޑަކުދިން ހުށައެޅުން މަދުކުރަން ޖެހިފައިވާކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. މީގެ އިތުރުން މިމައްސަލާގައި ތަޙުޤީގު އަވަސްކޮށް މިކަމުގައި ހިމެނުނު އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މެންބަރުން ވަނީ ގޮވާލާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްޖާގެ މަރާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މަރާލާފައި އޮތްވާ ފެނުނު 13 އަހަރުގެ ކުއްޖާއަކީ މީގެކުރިން އެއްވެސް ސަބަބަކާހުރެ ދަޢުލަތުން ރައްކާތެރިކަންދީފައިވާ ކުއްޖެއްތޯ ދެނެގަތުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން މައުލޫމާތު ހޯދައި، އެމުއައްސަސާތަކާއި ބައްދަލުކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިންމާފައެވެ.

ކުޑަކުއްޖާ ރަހީނުކޮށް އަނިޔާވެރި ގޮތަކަށް މަރާލިކަމުގެ ތުހުމަތުގައި އެކަމުގައި ޝާމިލުވި 2 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.