އަހަރުގެ މެދަކާ ހަމައަށް އައިރު ބައިމިލިއަނެއްހާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު މިހާތަނަށް 555،494 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.
މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވަނީ މިކާމިޔާބީ ފާހަގަކޮށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވޮލަންޓިއަރުންނާއި، ސިއްޙީ ޓީމުތަކަށްވެސް ހިތްވަރު ދެއްވާފައެވެ.
ރާއްޖެއަށް ބައިމިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ފުރަތަމަ ހަތަރު މަހު 90،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިހަތަރު މަހުގެ އެވްރެޖުކޮށް 3000 އަށްވުރެ ގިނަ ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް މިދިޔަ މަހު މިއަދަދުތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު، 64،613 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއިރު، އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 2000 އެއްހާ ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 46،023 ފަތުރުވެރިންނެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރޭޖު ކޮށް 1800 އެއްހާ ފަތުރުވެރިންނެވެ. މިމަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު 2519 ފަތުރުވެރިން ވަނީ އައިސްފައެވެ.
އަހަރުގެ މެދާއި ހަމައަށް އައިއިރު ފަތުރުވެރިކަން ދަށްވެފައި މިވަނީ މީގެ ކުރީ އަހަރުތަކުގައިވެސް ދައްވާ ނިސްބަތުންނެވެ. މިދިޔަ އަހަރު މިހާހިސާބުގައި ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުވި ނަމަވެސް އޭގެ ކުރީ، 2019 ވަނަ އަހަރު ދޮޅު ލައްކަ ފަތުރުވެރިން ފުރަތަމަ ހަތަރު މަހު ރާއްޖެއައެވެ. އަދި އެއަހަރު މޭއި ޖޫން މަހު އެވްރޭޖް ހުރީ ލައްކައަކަށް ވުރެ ތިރީގައެވެ. މިއަހަރުގެ އަދަދުތައް ދައްވި އަނެއް ސަބަބަކީ ރާއްޖޭގެ އިތުރުން، ފަތުރުވެރިކަމުގެ މާކެޓުގެ ޝެއަރ އޮންނަ ބައެއް ސަރަހައްދުތަކުގައި ކޯވިޑް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ.
ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން މިހާތަނަށް އައިސްފައިވާއިރު، މިއަހަރު ސަރުކާރުގެ އަމާޒު ހުރީ މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށެވެ. އަދި މިކަން ހާސިލް ކުުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން މާކެޓް ޝެއަރގެ %24.3 ހިއްސާ ކުރާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާކެޓް ޝެއާރގެ %18 އާއި އެކު އިންޑިއާއިންނެވެ.