އަންނަ މަހުން ފެށިގެން އިންޓަނެޓް އަގުހެޔޮކުރުމަށް ތައްޔާރުވެފައިވާކަމަށް ރާއްޖޭގެ އިންޓަނެޓް ޙިދުމަތް ފޯރުކޮށްދޭ މައި ދެކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން ބުނެފިއެވެ.
އިންޓަނެޓް އަގު ހެޔޮކުރުމަކީ ރައީސުލް ޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙުގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދުމަށް ސަރުކާރުން ގިނަ މަސައްކަތަކެއް ކޮށްފައިވާ އިރު، ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން އަގަށާއި ފޯރުކޮށްދޭ ޙިދުމަތުގެ ސްޕީޑަށް ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭއި އިންޓަނެޓް ސާވިސް ޕްރޮވައިޑާރސް (އައިއެސްޕީ)ގެ ގޮތުގައި ހަރަކާތްތެރިވާ މައި ދެކުންފުނިންވެސް ބުނާގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފުރަތަމަ ފިޔަވަހީގެ ދަށުން ބްރޯޑްބޭންޑް އަގު ހެޔޮވާނެކަމަށެވެ. އަދި ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުތަކަށް ބަދަލު ގެނައުމަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ދެކުންފުނިންވެސް ބުނެއެވެ.
އިންޓަނެޓްގެ އަގުތަކަށް އަންނަ ބަދަލާއެކު އަގުތަކުން %28 އާއި %30 އަގުހެޔޮވާނެކަަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން 250 ރުފިޔާއަށް 5 އެމްބީޕީއެސް ސްޕީޑުގައި 30ޖީބީގެ ޑާޓާ ލިބޭ ޕެކޭޖުގެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. އަދި 500 ރުފިޔާއަށް 15 އެމްބީޕީއެސް ސްޕީޑުގައި 100ޖީބީގެ ޑާޓާ ލިބޭއިރު 700 ރުފިޔާއަށް 25 އެމްބީޕީއެސް ސްޕީޑުގައި 200ޖީބީގެ ޑާޓާ ލިބެއެވެ. މި ދެ ޕެކޭޖުގެ ވެސް އެންމެ ދަށް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ.
މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެއެވެ. ރެސިޑެންޝަލް ޕެކޭޖްތަކުގެ އިތުރުން، މޯބައިލް ބްރޯޑްބޭންޑު ޙިދުމަތުންވެސް އަގު ހެޔޮކުރުމަށް ވަނީ ނިންމާފައެވެ. އަދި މޯބައިލް ޑޭޓާ އެލަވަންސް 20 އިންސައްތަައަށް ހެޔޮވެގެންދާނެކަމަށާއި، މިބަދަލުތަކަށް އަންނަ އޮކްޓޫބަރުމަހުން ފެށިގެން އަމަލުކުރަމުންދާނޭކަމަށްވެސް ސަރުކާރުން ބުނެއެވެ.
ކޯވިޑް-19އާއެކު ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ގިނަ ބަޔަކު މަސައްކަތް ކުރުމާއި އެހެނިހެން ބޭނުންތަކަށް އިންޓަނެޓަށް މިވަނީ ކުރިއަށް ވުރެ ބޮޑަށް ބަރޯސާވެފައެވެ. ނަމަވެސް އިންޓަނެޓް ސްޕީޑް އެންމެ އެކަށީގެންވާ ގޮތަށް ނުލިބުމާއި އަގު ބޮޑުވުމަކީ އަބަދުވެސް ރައްޔިތުން ޝަކުވާ ކުރަމުން އައި ކަމަކެވެ.