ޚަބަރު

ޤާނޫނާއެކު ފޮރިން ސަރވިސް ކުރިއަރައިގެންދާނެ: މެންބަރުން


ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފޮރިން ސަރވިސްގެ ޤާނޫނާއެކު އިތުރަށް ފުޅާވެ، ކުރިއަރައިގެންދާނެކަމަށް ވިދާޅުވެ ސަރުކާރުން ހުށައަޅާފައިވާ ފޮރިން ސަރވިސް ބިލުގެ މުހިއްމުކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ "ފޮރިން ސަރވިސްގެ ބިލު"ގެ އިބްތިދާޢީ ބަހުސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވިދާޅުވީ ފޮރިން ސަރވިސްގެ ބިލަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަޤްވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ޚާއްސަ ތަމްރީނާއި ހުނަރާއި، ތަޖުރިބާ ލިބިފައިވާ ފޮރިން ސަރވިސްއެއް ބިނާކުރުމައްޓަކައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމްކޮށް، އެޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސްއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުންނާއިގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުންކަމަށެވެ.

މިބިލަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ގިނަ މެންބަރުން ވަނީ މިހާރު ރާއްޖެއަށް މިފަދަ ބިލެއް މުހިއްމުވެފައިވާ މިންވަރާއި، މިބިލުގެ ސަބަބުން ޚާރިޖީ ދާއިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

މިބިލަށް ވާހަކަފުޅުދައްކަވަމުން ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ ރާއްޖެއަކީ ބޭރު ދުނިޔެއާ އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ޤައުމަކަށްވާއިރު، ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރުމަށާއި، ބޭރުގެ އެކިއެކި ފަރާތްތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ޚާރިޖީ ދާއިރާގެ ކަންކަން ދަންނަ ބަޔަކު ތިބުމަކީ މުހިއްމު ކަމެއްކަމަށެވެ.

މިވަގުތު ފޮރިން މިނިސްޓްރީގައި ތިބީ ސިވިލް ސަރވަންޓުންކަމަށާއި ސިވިލް ސަރވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ޤާނޫނަކަށް ނުވާތީ މިހާރު މިނިސްޓްރީގެ މަސައްކަތްތަކުގައި ލިމިޓޭޝަންތަކެއް ހުންނާނެކަން މެންބަރު ނާޒިމް ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ޚާރިޖީ އަދި ސިޔާސީ މަސްރަޙު ދެމެހެއްޓުމައްޓަކައި ރާއްޖެއިން އަދާކުރަމުންދާ ދައުރު މިހާރު ވަރަށް މުހިއްމު. އެހެންކަމުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު، ހިމާޔަތްކޮށް ކުރިއެރުވޭނީ އެކަމަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ޕްރޮފިޝަނަލް ބަޔަކު ތިބެގެންކަން އަޅުގަނޑުމެން މިއަދު ޤާބޫލުކުރަންޖެހޭ. އެހެންކަމުން އަޅުގަނޑު ޤަބޫލުކުރާގޮތުން މި ޤާނޫނުން އެފަދަ ކަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ" މެންބަރު ނާޒިމް ވިދާޅުވިއެވެ.

މިބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް މަސައްކަތްކުރާ ޓީމަކީ ހުނަރުވެރި ޤާބިލު ޓީމެއްކަމަށާއި މީގެ ކުރިން ރާއްޖެއަށް ލިބިފައިނުވާފަދަ ރީތި ނަމަކާއި ޤަދަރެއް މިހާރު ލިބިފައިވާކަމަށެވެ. އަދި ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ބައެއް ފަރާތްތަކުން ކުރާ ތުމުހުމަތުތަކާއި ގުޅިގެން އެކަންކަމުންވެސް ސަލާމަތްވެ ޕްރޮފެޝަނަލްކޮށް ތިބެވޭނެ ގޮތްތައް ފޮރިން ސަރވިސްގެ ބިލުގައި ހިމަނާފައިވުމަކީ މުހިއްމުކަމެއްކަން މެންބަރު އަޙްމަދު އަބްދުﷲ ފާހަގަކުރެއްވިއެވެ.

"ހަދިޔާގެ ގޮތުގައި އެއްޗެއް ލިބިއްޖެއްޔާ އެކަމުގައި އަމަލުކުރަންވީ ގޮތަކާއި، ނޫންނަމަ ވިޔަފާރީގެ މުއާމަލާތެއް ހިންގުމުންގައި އެފަރާތްތަކުން އަމަލުކުރަންވީ ގޮތްތަކާއި، އެފަރާތުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި އަމަލުކުރަންވީގޮތާއި، ސީދާ މިނިސްޓަރުގެ އެންގެވުމާއި ނުލައި އެފަދަ ކަންކަންކަމުގައި ބައިވެރިވެ ނޫޅުންފަދަ އެތައް ހަރުދަނާ ކަންތަތްތަކެއް މި ބިލުގައި ހިމެނިފައިވޭ" މެންބަރު އަޙްމަދު އަބްދުﷲ ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ ޖުމްލަކޮށް މިބިލަކީ މުހިއްމު ބިލެއްކަން ފާހަގަކުރައްވައި ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ގެނައުމަށްވެސް ހުށައަޅުއްވާފައެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ މި ބިލު ޤާނޫނަކަށް ވެގެންދާއިރު ނަމަށް ގެންނަން ފެންނަ ބަދަލުތަކާއި، ސަރުކާރެއް ބަދަލުވިނަމަވެސް ފޮރިން ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ނުކުރެވޭނެގޮތަށް ބިލަށް އިސްލާޙު ގެނައުމަށް ފެންނަކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ހުށައަޅަން ކޮމިޓީ މަރުހަލާގައި މިބިލަށް އިސްލާޙުގެންނައިރު، ޚާރިޖީ ވުޒާރާގައި އެތައް ދުވަހެއްވަންދެން މަސައްކަތްކުރެއްވި ބޭފުޅަކު މިއަދު މިނިސްޓަރަކަށް މިހުންނެވީ. އަދި މިހާރު މިބިލް ހުށައެޅިގެންދާއިރު، މިއީ މި ރާއްޖެ ފަޚުރުވެރިވާ، އާދެ ޔޫއެން ޖެނަރަލް އެސަންބުލީގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވި ބާފުޅަކަށް އެމަނިކުފާނުވާތީ އަޅުގަނޑު ހުށައަޅަން މި ބިލު އޮނަރަބަލް އަބްދުﷲ ޝާހިދުގެ ނަންފުޅަށް ފަރުމާކުރުކުރެވިގެން އައުމަށް" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

މިބިލަށް ބަހުސްކުރެއްވި އިދިކޮޅު މެންބަރު ވަނީ ބިލުގައި މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާކަމަށާއި، ބިލުގައި ދިވެހި ޜާއްޖޭގެ މިނިވަންކަމުގެ އިތުރަށް ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ގުޅޭގޮތުން ހިމަނާފައިވާތީ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ޖުމަލްކޮށް ހުރިހާ މެންބަރުންވެސް ވަނީ ބިލަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

މަޖިލީހަށް ހުށައަޅައި ބަހުސް ފަށާފައިވާ ފޮރިން ސަރވިސްގެ ބިލަކީ 13 ބާބުގެ މައްޗަށް އެކުލެވިގެންވާ އަދި 71 މާއްދާ ލިޔެފައިވާ ބިލެކެވެ.