ޚަބަރު

ޕީއެސްއެމްއާއެކު ކުރިއަށްގެންދިޔަ ޓެލިކިލާސް ޕްރޮގްރާމަކީ ކާމިޔާބު އޮޕަރޭޝަނެއް


ކޯވިޑް-19އާއި ގުޅިގެން ސްކޫލްތަކުގައި ކިޔެވުން ހުއްޓާލަން ޖެހުމާއި ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަޢުލީމު ޙާސިލުކުރަމުންދިޔަ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޕަބްލިކް ސަރވިސް މީޑިއާއާއި ގުޅިގެން ޓެލިކިލާހުގެ ނަމުގައި ވަނީ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ޕީއެސްއެމްގެ ޔޭސްޓީވީއިން ކުދިންނަށް ފަސޭހަ ޝެޑިއުލްއަކާއެކު ބްރޯޑްކާސްޓްކުރަމުންދިޔަ ޓެލިކިލާހުގެ ފިލާވަޅުތައް އެންމެ ފުރަތަމަ މިދިޔަ އަހަރުގެ މާޗްމަހު ރިކޯޑުކުރަމުން ދިޔައީ ޕީއެސްއެމްގައެވެ. އެހެންނަމަވެސް އެޕްރީލްމަހުގެ މުޅި މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ޓެލިކިލާސްވެސް ވަނީ ހުއްޓާލަންޖެހިފައެވެ. ލޮކްޑައުންނަށް ފުރަތަމަ ދިން ލުއިތަކާއެކު އަނެއްކާވެސް ޓެލިކިލާސް ވަނީ މޭއިމަހުގެ ތެރޭގައި ފަށާފައެވެ.

ފުރަތަމަ ގެންދިޔަ ގޮތާ ޚިލާފަށް ޕީއެސްއެމްގައި ރިކޯޑުކުރުމާއި ރާއްޖޭގެ އެކި ރަށްރަށުން މުދައްރިސުން ރިކޯޑުކޮށް ފޮނުވަމުންގެންދިޔަ ސެޝަންތައް ރިވިއުކުރުމަށްފަހު ޓީވީއިން ދުރަށް ދައްކަމުންދިޔައީ ކުދިން ޝައުގުވެރިވާނެފަދަ އެތައް ބަޔަކާއެކުގައެވެ. މިޕްރޮގްރާމަށް ބައިނަލްއަޤުވާމީ އެވޯޑުތައް ލިބިފައިވާއިރު މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއިންނާއި ޓެކްނޮލޮޖީގެ ގޮތުންވެސް ހޯދި ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޕީއެސްއެމްގެ "އެންމެން އެއްބާރުލަމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ޕެންޑަމިކެއްގެ ތެރޭގައި އުނގަންނައި ދިނުމަކީ އެއްވެސް ވަރަކަށް ތައްޔާރުވެގެން ތިބި ޙާލަތެއް ނޫންކަމަށެވެ. އެހެންނަމަވެސް ޕީއެސްއެމްއާއި ގުޅިގެން ކުރިއަށްގެންދިޔަ ޓެލިކިލާސް ޕްރޮގްރާމަކީ ކާމިޔާބު އަދި އެހާމެ ބޮޑު މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޕެންޑަމިކާއި ގުޅިގެން ޕީއެސްއެމްއާއި ގުޅިގެން ކުރިއަށްގެންދިޔަ ޓެލިކިލާސް އެއީ ބޮޑު އޮޕަރޭޝަނެއް. ކާމިޔާބުކަމާއެކު ކުރިއަށްގެންދަނިކޮށް ލޮކްޑައުންއަކަށް ދިޔުމާއި ގުޅިގެން ޓީޗަރުންނަށް ޖެހުނީ، ހުރިތާކުން ފިލާވަޅުތައް ރިކޯޑުކޮށް ފޮނުވަން. ކުދިން ޝައުގުވެރިވާނެ އެތައް ގޮތަކަށް މޮނީޓަރިންގ އަށް ނުލާ ރަށްރަށުން އެކި ތަންތަނަށް ގޮސްގެން ޓީޗަރުންވަނީ ފިލާވަޅު ފޮނުވާފަ." އިހުސާން ވިދާޅުވިއެވެ.

އެކި ފިލާވަޅުތައް ރިކޯޑުކޮށް ޓެލިކިލާސް އަދި އޮންލައިން ސެޝަންތައް ކުރިއަށްގެންދިޔައީ ސިލަބަސް ކަވަރކުރެވޭނެހެން ބައެއް ބަދަލުތައް ގެނެސްގެންކަމަށް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރެވި ބެލެނިވެރިންނަށް ދަރިވަރުންނާއެކު ފިލާވަޅުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިކަމުގެ ސަބަބުން ވަނީ ލިބިގެން ގޮސްފައެވެ.

ކޯވިޑާއެކު އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހުނީ ތަޢުލީމީ ދާއިރާއަށެވެ. ކާމިޔާބުކަމާއެކު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ޕީއެސްއެމްގެ އިތުރުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެންކަމުން މުޅި ދުނިޔެއަށް ކުރިމަތިވީ އެންމެ ބޮޑު ދަތިކަމުގެ ޙާލަތުގައިވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ހޯދީ ބޮޑު ކާމިޔާބީއެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.