މީރާގެ ޓެކްސް އޮޑިޓަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީރާ އާއި ޓެކްސް އިންސްޕެކްޓާސް ވިތައުޓު ބޯޑާސް(ޓީ.އައި.ޑަބްލިއު.ބީ) އާއެކުއެވެ.
މިރާއިން ޓީ.އައި.ޑަބްލިއު.ބީއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން މީރާގައި މަސައްކަތްކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ޓުއަރިޒަމް ދައިރާގައި ބައިނަލްއަޤްވާމީ ޓެކްސް ގޮންޖެހުންތަކަށް އަލިއަޅުވާލެވިގެން ދާނެކަމަށް މީރާއިން ބުނެއެވެ. މިއެއްބަސްވުމުގެ މަޤްޞަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކުރުން ކަމަށް މީރާއިން ބުނެއެވެ.
މިއީ މީރާއާއި ޓީ.އައި.ޑަބްލިއު.ބީ ގުޅިގެން ކުރިއަށްގެންދާ ދެވަނަ ޕްރޮގްރާމެވެ. މި ޕްރޮޖެކްޓު ފެށުމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވަނީ މީރާގެ އޮޑިޓަރުންނަށް މީގެ ފުރަތަމަ ޕްރޮޖެކްޓުގައި ގިނަ ކަންކަން ދަސްވެގެން ދިޔަކަން ފާހަގަކޮށް ޓްރާންސްފާރ ޕްރައިޒިންގ އުކުޅުތައް މިފަހަރު ދަސްވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި 2018 ގައި ފެށި ޕްރޮޖެކްޓުގައި ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޓީ.އައި.ޑަބްލިއު.ބީ ވެރިޔާ ރުސްދާން ކެމުލެރިއާ ވިދާޅުވީ، ކުރީގެ ޕްރޮޖެކްޓު ކާމިޔާބީ ފާހަގަކޮށް މިފަހަރުގެ ޕްރޮޖެކްޓުގައި ކުރިން ކުރެވުނު މަސައްކަތް އިތުރަށް ކުރިއަރުވާ ހަރުދަނާ ވެގެންދާނެކަމަށެވެ.
ޓީ.އައި.ޑަބްލިއު.ބީއަކީ އޯގައިނައިޒޭޝަން ފޯރ އިކޮނޮމިކް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް އާއި ޔޫއެންޑީޕީ ގުޅިގެން ޓެކުހާއި ގުޅޭ އޮޑިޓްތައް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.