ވިޔަފާރި

ގިނަ ދުވަސްތަކަކަށްފަހު ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލައިފި


ދިގު މުއްދަތަކަށްފަހު، އާއްމުންނަށް ހުޅުވައިގެން ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތްދޭން ފަށައިފިއެވެ. ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ބޮޑެތި ލުއިތަކެއް ސަރުކާރުންވަނީ ދީފައެވެ. އެގޮތުން މިއަދުން ފެށިގެން ފަތިހު 4:00 އިން ރޭގަނޑު 8:00 އަށް ކެފޭ ރެސްޓޯރަންޓްތަކުގެ ތިބެގެން ކެއިންބުއިމުގެ ޚިދުމަތް ދިނުމުގެ ހުއްދަވަނީ ދީފައެވެ.

މެއިމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މެއިމަހުގެ 12ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުތަައް ޤާއިމްކޮށް ކެފޭ ރެސްޓޯރެންޓުތައް އާއްމުންނަށް ބަންދުކުރިއެވެ. އަދި މިވީ މުއްމަދުގައި ކެފޭ ރެސްޓޯރެންޓުތަކުން ދެމުން އައިސްފައިވަނީ ޓޭކްއަވޭއާ ޑެލިވަރީގެ ޚިދުމަތެވެ. އެގޮތުން ހަވީރު 16:00އާ ހަމައަށް ޓޭކްއަވޭގެ ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާއިރު، ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 12:00އާ ހަމައަށް ދިނުމުގެ ހުއްދަ އޭރުވަނީ ދީފައެވެ.

ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު، މިފަދަ ތަންތަނުން އަމަލު ކުރަންޖެހޭ ގައިޑް ލައިނެއް އެޗްޕީއޭއިން އެކުލަވާލައިފައިވެއެވެ. އެގޮތުން 3ފޫޓުގެ ދުރުމުން ހުންނަގޮތަށް ގޮނޑިޖެހުމާ، ޚިދުމަތް ދޭއިރުވެސް ގައިދުރުކަން ބެހެއްޓުމާ، މާޙައުލަކީ ސާފުތަނެއްކަން ކަށަވަރުކުރުމަށް ވިޔަފާރިތަކަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

ސަރުކާރުން ދީފައިވާ އިތުރު ލުއިތަކުގެތެރޭގައި ފިހާރަތައްވެސް ރޭގަނޑު 8 ޖެހުމާއި ހަމައަށް އާއްމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ހުއްދަވަނީ ދީފައެވެ.

މިހާރު މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަކަށެވެ.