ޓުއަރިޒަމް

ފަތުރުވެރިން އަންނަނީ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަށް- ސާރވޭ


ފަތުރުވެރިން ރާއްޖެއަންނަ  މައިގަނޑު ސަބަބަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުންކަން، ފަތުރުވެރިން ރާއްޖެއާ މެދު ދެކޭގޮތް ދެނެގަތުމަށް "މޯލްޑިވްސް ވިޒިޓާރސް ސާރވޭ"ގެ ނަމުގައި ކުރިއަށްގެންދިޔަ ސާރވޭއަކުން ދައްކައިފިއެވެ.ފަތުރުވެރިން ރާއްޖެއާއިމެދު ދެކޭގޮތް ދެނެގަތުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ޓުއަރިޒަމް މިނިސްޓްރީން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަމިނަލްގައި ކުރިއަށް ގެންދިޔަ ސާރވޭއިން ދައްކާގޮތުން ފަތުރުވެރިން ރާއްޖެއާމެދު ޝައުޤުވެރިވާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމެވެ. މިގޮތުން ސާރވޭ ކުރެވުނު މީހުންގެ %47 ބުނެފައިވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޚިޔާރުކޮށްފައިވަނީ ރާއްޖޭގެ ރީތިކަމުގެ ސަބަބުންކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހަމަހިމޭންކަމަކީވެސް ފަތުރުވެރިން ރާއްޖެ އައުމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި މިސާރވޭގެ ނަތީޖާއިން ދައްކައެވެ.ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ހަނީމޫން ހޭދުކުރުމަށް އަންނަ ފަތުރުވެރިން ކަމުގައިވާއިރު، މިސާރވޭގައި ބައިވެރިވި މީހުންގެ %90 ރާއްޖެއަށް އައިސްފައިވަނީ އެމީހުންގެ ބައިވެރިޔާއާއިއެކުގައެވެ. ރާއްޖެއާއި ބެހޭ މަޢުލޫމާތު އެންމެ ފުރަތަމަ ލިބުނުކަމަށް ސަރވޭގެ ބައިވެރިންގެ ތެރެއިން %53 މީހުން ބުނެފައިވަނީ އިންޓަރނެޓާއި، "ވޯޑް އޮފް މައުތު" ކަމުގައެވެ. އަދި ސަރވޭގެ ބައިވެރިންގެ ތެރެއިން %49 މީހުން ރާއްޖެއައުމަށް ބުކިންގ ހައްދާފައިވަނީ އޮންލައިން ޓްރެވަލް ވެބްސައިޓް މެދުވެރިކޮށެވެ. ރާއްޖެއަކީ ރިޕީޓް ވިޒިޓާރސް ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، މިސާރވޭގެ ބައިވެރިންގެ ތެރެއިން %19 މީހުންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުންނެވެ. ރާއްޖެއިން ލިބުނު ޚިދުމަތްތަކާއި ގުޅިގެން ކުރެވުނު ސުވާލުތަކުގެ ތެރެއިން، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ކަސްޓަމްސް ސާވިސްއާއި، އިމިގްރޭޝަން ސަރވިސް އަދި ޗެކް-އިން ސަރވިސްއާއި ދޭތެރޭ ވަރަށް ހިތް ހަމަޖެހޭކަން ސަރވޭގެ ބައިވެރިން ފާހަގަކޮށްފައިވާއިރު، އެއަރޕޯޓުގެ ބޭންކިންގ ސާރވިސްއާއި، ކެފޭ، ރެސްޓޯރަންޓް އަދި ޝޮޕިންގް ފަދަ ޚިދުމަތްތަކަކީ ރަނގަޅުކުރަންޖެހޭ ޚިދުމަތްތަކެއްގެ ގޮތުގައި ސާރވޭގެ ހޯދުންތަކުން ދައްކައެވެ. ފަތުރުވެރިން ބައިތިއްބާ ތަންތަނުން ލިބިފައިވާ ޚިދުމަތްތަކާމެދު ސާރވޭގެ ބައިވެރިން އާއްމުގޮތެއްގައި ހިތްހަމަޖެހޭކަމަށް ފާހަގަކޮށްފައިވާއިރު، އެތަންތަނުގެ ގެސްޓް ސާރވިސްއާއި މެނޭޖްމަންޓް ވަރަށް ރަނގަޅުކަމަށް ސާރވޭގެ ބައިވެރިންގެ %87 ބުނެފައިވެއެވެ. ނަމަވެސް ރާއްޖެއިން ލިބެންހުންނަ ސުވެނިއަރސްތަކުގެ އަގޮބޮޑު ކަމަށް ސާރވޭގެ ބައިވެރިންގެ %56 ވަނީ ބުނެފައެވެ.ރާއްޖެފަދަ އެހެން ޖަޒީރާ މަންޒިލްތަކާއި އަޅާބަލާއިރު، ރާއްޖޭގެ ގޮނޑުދޮށްތަކާއި، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އެތަންތަނަށްވުރެ މަތީގައި ސަރވޭގެ ބައިވެރިން ރޭންކް ކޮށްފައިވާއިރު، ރިޒޯޓް އަދި ހޮޓާތަކުގެ ކޮލިޓީއާއި ސްޓާފުންގެ މެހެމާންދާރީ ވެސް ފަދަ އެފަދަ މަންޒިލްތަކަށްވުރެ މަތި ނުވަތަ އެއްވަރުކަމަށް ވަނީ ރޭންކް ކުރެވިފައެވެ. ސާރވޭގެ ބައިވެރިންގެ %93 ރާއްޖޭގައި ހޭދަކުރި ޗުއްޓީއާއި މެދު ހިތްހަމަޖެހޭކަމަށް ބުނެފައިވާއިރު، %92 މީހުން ރާއްޖެއަށް އެނބުރި އަންނާނެކަމަށް ވަނީ ބުނެފައެވެ. އަދި ސާރވޭގެ %98 މީހުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ރަނގަޅު މަންޒިލެއްގެ ގޮތުގައި ރިކޮމެންޑް ކުރާނެކަމަށް ބުނެފައިވެއެވެ.