ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް


ހިތަދޫގެ ކާފިއު ވަގުތު ކުޑަކޮށް، ކާފިއު ނޫން ވަގުތުތަކުގައި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ އެތެރޭގައި ޓޭކް އަވޭ ޙިދުމަތް ދެވޭ ގޮތަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުން ވަނީ މިހާރު ދީފައިވާ ލުއިތައް ހާމަކޮށްފައެވެ. ފިޔަވަޅުތަކަށް ލުއިދީފައި ވަނީ ރެންޑަމް ސާމްޕަލްއެއް ކޯވިޑަށް ޕޮޒިޓިވް ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އެގޮތުން އައްޑޫގެ އަވަށްތަކުގެ ތެރެއިން މިވަގުތު ފިޔަވަޅުތައް އެންމެ ވަރުގަދައަށް އަޅާފައިވަނީ ހިތަދޫގައެވެ. ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން، ކާފިއު ވަގުތު ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ވަނީ ކުރުކޮށްފައެވެ.

މީގެ އިތުރުން ފިހާރަތައް ހުޅުވައިގެން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 9:00 އަށް ޙިދުމަތް ދެވޭއިރު، ރޭގަނޑު 9:00 އިން 10:00 އަށް ޑެލިވަރީ ޙިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ކެފޭ ރެސްޓޯރެންޓް ހޯޓާ އަދި ކާބޯތަކެތީގެ ޙިދުމަތް ދޭ ތަންތަނުން ޑެލިވަރީ ކުރެވޭނެއެވެ. އަދި ކާފިއު ނޫން ވަގުތު ތަކުގައި ޓޭކްއަވޭ ޙިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ. ހިތަދޫ ފިޔަވާ ގުޅިފައިވާ އެހެން އަވަށްތަކުގައި 10 ޖެހުމާއި ހަމައަށް ޑެލިވަރީ އަދި ޓޭކްއަވޭ ޙިދުމަތް ދެވޭނެއެވެ. މީގެ ކުރީން ގާޑިއާތައް ހުޅުވަން ހުއްދަ ދީފައި ނެތް ނަމަވެސް މިހާރު ގާޑިއާތަކަށްވެސް ޓޭކްއަވޭ އަދި ޑެލިވަރީ ޙިދުމަތް ދެވޭނެއެވެ.

މިލުއިތަކުގެ އިތުރުން ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައިވާއިރު، ހިތަދޫގައި މިސްކިތުގައި ޖަމާޢަތް ނަހަދާ ނަމާދު ކުރުމަށް ވަނީ ހުއްދަ ދީފައެވެ.

އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު ވިދާޅުވީ އިތުރު ލުއިތައް ދިނުމަށްވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ވަރަކަށް ދުވަހު ޕޮޒިޓިވްވާ މިންވަރަށް ބަލާ އެޗްޕީއޭގެ ހުއްދައާއެކު ލުއި ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި މިވަގުތު އެކްޓިވް 64 ކޭސް އޮތް އިރު، މީގެ ތެރެއިން 54 ކޭސް އޮތީ ހިތަދޫގައެވެ. އަދި ބާކީ 10 ކޭސް އޮތީ މަރަދޫގައެވެ.