ވިޔަފާރި

ސްޕެއިންގެ އައިބީރިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ސްޕެއިންގެ އައިބީރިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިއްޔެ ޖެއްސި އައިބީރިއާ އެއަރލައިންސްގެ ފްލައިޓްގައި 218 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

އައިބީރިއާ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރާނެއެވެ. އައިބީރިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ A300-200 އަދި A330-300 މަރުކައިގެ ބޯޓު ފަހަރެވެ. މިއީ 288 -292 ސީޓުގެ ބޯޓްތަކެކެވެ.

އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުން ފެށިގެން އޮގަސްޓުމަހުގެ ނިޔަލަށް ހަފްތާއަކު 3 ދަތުރެވެ.

އައިބީރިއާގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުއެވެ. މި ދަތުރުތަކާއި އެކު ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ކޯވިޑާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، ރާއްޖެ ފަދަ ކުޑަ ޤައުމަކުންދަނީ މި ހާލަތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވެ ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 30 އެއަލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާ 23 އެއަރލައިންއަކާއި ޗާޓަރ ދަތުރުތައް ރާއްޖެއަށް ބާއްވާ 7 އެއަރލައިންއެކެެވެ.