ވިޔަފާރި

ކަސެޔާއަށް ދިން ސައިބަރ ހަމަލާގެ އަސަރު ހާހަކަށްވުރެ ގިނަ ވިޔަފާރިއަށް ކޮށްފާނެ!


އެމެރިކާގެ އައިޓީ ކުންފުންޏެއް ކަމަށްވާ ކަސެޔާއަށް ދެވުނު ސައިބަރ ހަމަލާގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1000 އަށްވުރެ ކުންފުންޏަށް ކޮށްފާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ކަސެޔާއަށް ދިން ސައިބަރ ހަމަލާއާ ގުޅިގެން އެކުންފުނިން ހުކުރު ދުވަހު ބުނެފައިވަނީ އެކުންފުނީގެ މަދު އަދަދެއްގެ ކަސްޓަމަރުންނަށް މި ހަމަލާގެ އަސަރު ކޮށްފައިވާކަމަށެވެ. އަދި މިއަދަދު އުޅެނީ 40 އަށްވުރެ ތިރީގައިކަމަށްވެސް އެކުންފުނިން ބުނެއެވެ.

ނަމަވެސް ކަސެޔާގެ ސޮފްޓްވެއަރއަކީ ކޮމްޕިއުޓާރ ނެޓްވޯކް މެނޭޖްމެންޓް ސޮފްޓްވެއަރ ނެޓްވޯކްއަކީ އެހެން ވިޔަފާރިތަކުގައިވެސް އެހީތެރިވާ ނެޓްވޯކަކަށްވާތީ މި ހަމަލާގައި އަސްލު އަސަރުކޮށްފައިވާ މިންވަރު ބުނަން ދަތިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރެންސަމް ވެއަރގެ މިހަމަލާއަކީ މިހާތަނަށް ދުނިޔޭގައި ދީފައިވާ މިބާވަތުގެ އެންމެ ބޮޑު އެއް ހަމަލާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ރެންސަމްވެއަރ ހަމަލާއެއް އަތުވެއްޖެ ނަމަ އާންމުކޮށް އެތަނެއްގެ ހުރިހާ ކޮމްޕިއުޓަރެއް 'ބަނދު' ވެއެވެ. އަދި ނެޓްވޯކުގައި ހުރި ކޮމްޕިއުޓަރުތައް އަލުން ބޭނުންކުރުމަށް ފައިސާ ދެއްކުމަށް މަޖްބޫރު ކުރެއެވެ.

މިހަމަލާގެ ސަބަބުން ސްވިޑެންގެ ސުޕަމާކެޓް ޗެއިންއެއްގެ 800 ފިހާރަ އެއްފަހަރާ ބަންދު ކުރަން ޖެހުނު ކަމަށްވެއެވެ. އެއީ ހަމަލާގެ ސަބަބުން އެއް ނެޓްވޯކަކުން ގުޅާލެވިފައިވާ ފިހާރަތަކުގެ ޗެކްއައުޓް ނިޒާމް ތަޅުލެވުމުގެ ސަބަބުންނެވެ. މިއީ ސްވިޑެންގެ ސުޕަމާކެޓް ސެކްޓަރ %20 ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން ކަސެޔާއިން އެމެރިކާގެ އީސްޓް ކޯސްޓުގައި ހުރި އެކުންފުނީގެ ސާވަރތައް ނިވާލާފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިހަމަލާ ތަހުޤީޤު ކުރުމަށް އަންގާފައެވެ. މިހަމަލާއަކީ ރަޝިޔާގައި ތިބި ރެވިލް ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން ކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. މިފަދަ ހަމަލާތައް އިތުރުވަމުންދާތީވެ އ.ދގެ ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއްވެސް ވަނީ މިދިޔަ ހަފްތާ ތެރޭގައި ބާއްވާފައެވެ. އަދި މިބައްދަލުވުމުގައި ޤައުމުތަކުގެ މައި އިޤްތިޞާދީ ހަަރަކާތަށް މިފަދަ ހަމަލާތައް ދިނުން އިތުރުވަމުންދާކަމުގެ ކަންބޮޑުވުން މެންބަރުން ވަނީ ފާޅުކުރައްވާފައެވެ.