ވިޔަފާރި

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ބީއެމްއެލްއިން ޚާއްސަ ލޯނެއް


ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ފަސޭހަކާމާއެކު ފައިނޭނިންސިންގ ފޯރުކޮށްދިނުމަށް އައު ލޯނަކާއި ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން އަލަށް ތައާރަފްކޮށްފައިވާ ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25000 ރުފިޔާއިން ފެށިގެން 150000 ރުފިޔާ އާ ހަމައަށް ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12ގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެކަމަށެވެ.

"މި ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަދު ތައާރަފްކުރެވޭ ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ޚަބަރެއް. ޝަރުތު ހަމަވާ ފަރާތަކަށް އިތުރު ރަހުނަކާ ނުލާ އަމިއްލަ އަށް އިތުރު ހަރަދެއް ކުރަންނުޖެހި ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަަތްތައް ނިންމާލުމަށް 150000 އާ ހަމަަޔަށް ލޯނު ދޫކުރެވޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފައެެވެ. މިއީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް 25000 ރުފިޔާ އިން ފެށިގެން 300000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެކަމަށް ބީއެމްއެލުން ހާމަކުރެއެވެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް މިއާ އެއްގޮތް ފައިނޭންސިންގ ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ.