ކޫއްޑޫއަށް މިދުވަސްކޮޅު މަސް ގަތުން ހުއްޓާލާފައިވީ ނަމަވެސް ދެކުނުގެ މަސްވެރިންނަށް ދަތި ނުވާނެހެން މަސް ކިރުވޭނެ އިތުރު އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ކޫއްޑޫއިން ގިނަ އަދަދަކަށް ކޯވިޑް ކޭސްތައް ފެނި އެރަށުން މަސް ގަތުމާއި އައިސް ވިއްކުން ވަނީ ހުއްޓާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިފްކޯގެ ޖެނެރަލް މޭނޭޖަރ އަޙްމަދު ނަވާޒް ރަޝީދު ވިދާޅުވީ ކޫއްޑޫއަށް މަސް ގަތުމާއި މަސް ކިރުވުން ހުއްޓާލާފައިިވީނަމަވެސް މަސްވެރިންނަށް ދަތި ނުވާނެހެން މަސް ކިރުވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކޫއްޑޫ ބަނދަރުގައި ކަލެކްޓަރ ވެސެލްއެއް ބާއްވައިގެން މަސް ކިރުވަމުންދާ އިރު، އަތޮޅުތެރޭގައި އިތުރު ތިން ކަލެކްޓަރ ވެސަލް ހަރަކާތްތެރިވަމުންދާކަމަށް ނަވާޒް ވިދާޅުވިއެވެ.
"ކަލެކްޓަރ ވެސެލްތަކުން ގަންނަ މަސްތައްވެސް މަހުގެ ކޮލިޓީއަށް އެއްވެސް އަސަރެއް ނުކުރާގޮތަށް ކޫއްޑޫއަށް އަވަހަށް އެބަ ގެންނަން، އަދި މި ދުވަސްކޮޅަކީ މަސްވެރިކަންވެސް ދަށް ދުވަސްކޮޅެއް، މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވިޔަސް މަސް ކިރުވުމަށް ދައްޗެއް ނުވާނެ،" ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ ކޫއްޑޫއިން އައިސް ވިއްކުން ހުއްޓާލާފައިވީ ނަމަވެސް މަސްވެރިންނަށް އެކުންފުނިން ކޮލަމާފުށި، ދެއްވަދޫ، ގެމަނަފުށި، ތިނަދޫ އަދި އައްޑޫއިންވެސް އައިސް ވިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަވާޒް ފާހަގަކުރެއްވިގޮތުގައި ކޫއްޑޫއިން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދަށް ބަލާއިރު، މިއީ އެ ކާރުޙާނައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖުމްލަ އަދަދާއި އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށެވެ. އަދި މީގެންވެސް ހާމަވަނީ އެ ކުންފުނިން ބަލި ކޮންޓްރޯލްކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.
" ކޫއްޑޫ ކޮމްޕްލެކްސްގައި 600އެއްހާ މުވައްޒަފުން މަސައްކަތް ކުރޭ، މި ލެވަލްއަށް ކޮންޓްރޯލްކުރެވުމަކީވެސް ކާމިޔާބީއެއް، އާ ސީސަން ފެށެންވާއިރަށް މި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދު ބޮޑު،" ނަވާޒް ވިދާޅުވިއެވެ.
ކޫއްޑޫއިން އެންމެ ފުރަތަމަ ކޯވިޑް ކޭސްއެއް ފެނުނީ 11 ޖޫންގައެވެ. މިހިސާބަށް އައި އިރު އެރަށުން ޖުމްލަ 91 މީހެއްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެެވެ. މީގެ ތެރެއިން މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 60 އެވެ.
ކޫއްޑޫއަކީ ދެކުނުގެ މަސްވެރިން މަސް ކިރުވުމަށާއި އައިސް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ސެންޓަރެވެ. މިދިޔަ އޭޕްރީލްމަހުގެތެރޭ މިފްކޯގެ ފެލިވަރު މަސް ކާރުޙާނާއިންވެސް ގިނަ ޢަދަދެއްގެ ކޭސްތައް ފެނި އެރަށް މޮނިޓަރިންއަށް ލިޔެއެވެ. އެގޮތުން ފެލިވަރުން 300 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑަށް ވަނީ އޭރު ޕޮޒިޓިވްވެފައެވެ. އެހެން ނަމަވެސް މިފްކޯއިން ދިޔައީ މަސްވެރިންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ހުއްޓުމެއް ނެތި ފޯރުކޮށްދެމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް މިފްކޯގެ މަސް ބޯޓަށް ކިރުވޭނެ އިންތިޒާމް ހަމަޖައްސައިދީ، މަސްވެރިންނަށް ބޭނުންވާ އައިސްގެ އިތުރުން ތެޔޮލިބޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.