އީގަލްސްއާއި އެއްވަރުވެ، ޓިސީއަށް ލީގު ހޯދުމަށް
އަމިއްލަ ބާރު ގެއްލިއްޖެއެވެ. އޫރިދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު
ޓީސީއާއި އީގަލްސް ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި
އެއްވަރުވެގެންނެވެ. އެއާއެކު ޓީސީއަށް ލީގު ހޯދުމަށް އަމިއްލަ ބާރު ވަނީ ކެނޑިފައެވެ.
މިރޭ މާޒިޔާއާއި ބައްދަލްކުރާ މެޗް ނިއުރޭޑިއަންޓުން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް
ހަތަރު ޕޮއިންޓުގެ ލީޑެއް ލިބި، ލީގު ކަށަވަރުވާނެއެވެ. އެހެންނަމަވެސް މިރޭގެ މެޗުން
މޮޅުވުން ނޫން އެހެން ނަތިޖާއެއް ނުކުމެއްޖެނަމަ ލީގު ލިބޭނެ ޓީމެއް އިނގޭނީ
ޓީސީއާއި ނިއުރޭޑިއަންޓް ބައްދަލް ކުރާ ލީގުގެ ފަހު މެޗުގައެވެ.
މިއަދު އީގަލްސްއާއެކު ކުޅުނު މެޗުގައިވެސް ޓީސީއިން
ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައި، އީގަލްސްގެ ގޯލަށް ނުރައްކާތެރި ގިނަ
ހަމަލާތަކެއް ފޮނުވާލާފައެވެ. އީގަލްސްއަށް ކުޅޭ ސްރީލަންކާގެ ކީޕަރު، ސުޖަން ވަނީ
މި މެޗުގައި މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް
ލިބުނީ ސުޖަންއަށެވެ.
މެޗަށްފަހު އީގަލްސްގެ ކޯސް އިޙުސާން އަބްދުލް ޢަނީ
ބުނީ މެޗުން އީގަލްސް ސަލާމަތްކޮށްދިނީ ކީޕަރު ސުޖަން ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ
ހުރި އެއްމެ މޮޅު ގޯލް ކީޕަރ ޓްރެއިނަރ، އަސްލަމާއެކު ރަނގަޅު ކުރިއެރުންތަކެއް
ހޯދާފައިކަމަށް އިޙުސާން ފާހަގަކުރިއެވެ. އަދި އޭނާ މިއަދު ކުރި ދެ ސޭވްއަކީ
ގާތްގަނޑަކަށް ދެ ގޯލްކަމަށް އިޙުސާން ފާހަގަކުރިއެވެ.
މި މެޗުގެ ކުރިން ސޯޝަލް މީޑިޔާގައި ވަނީ މީ އީގަލްއިން
ވިއްކާލާފައިވާ މެޗެއްކަމަށްބުނެ ވަރަށް ގިނަ ފަރާތްތަކުން ވާހަކަދައްކާފައެވެ. އިޙުސާން ބުނީ އެގޮތަށް ވާހަކަތަށް ހުރުމުންވެސް މި
މެޗުން ބަލިނުވުމަށް އީގަލްސްއިން އިތުރަށް ހިތްވަރުކުރިކަމަށެވެ.
" ކޮންމެ ބަޔަކަށް ލީގު ލިބުނަސް މެޗެއް
ވިއްކާނުލާނެކަމަށާ އެއީ ދުވަހަކުވެސް ކުރާނޭކަމެއް ނޫން" އިޙުސާން ބުންޏެވެ.
ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ އަދިވެސް ލީގު ހޯދުމަށް
އުންމީދު ގެއްލުވާނުލާކަމަށެވެ. އަދި މިހާރު ޓީސީ އައިސްފައިވާ ހިސާބުންވެސް
ޓީސީއަކީ ބޮޑު ޓީމަކަށް ވެފައިވާކަމަށް ނިޒާމް ބުންޏެވެ.