ޚަބަރު

އައްޑޫގެ ކެފޭ ރެސްޓޯރެންޓުތަކުން ދުވާލު ޑައިން-އިން ޙިދުމަތް ދެވޭނެ


އައްޑޫ ހިތަދޫގައި ޖަމާޢަތުގައި ނަމާދު ކުރުމުކާއި ރެސްޓޯރެންޓު ތަކުގައި "ޑައިން އިން" ޙިދުމަތް ދެވޭގޮތަށް ހުއްދަ ދިނުމަށް ނިންމައިފިއެވެ.

އައްޑޫގައި ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައި ވަނީ އައްޑޫގައި ކޯވިޑް ހާލަތައް ބަލާފައިކަމަށް އައްޑޫ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އައްޑޫގައި މިވަގުތު މޮނީޓަރިން ހާލަތުގައި އޮތީ އައްޑޫގެ ގުޅިފައިވާ އަވަށްތަކެވެ.

މިގޮތުން މިއަވަށްތަކުގެ ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިން ޙިދުމަތް ދިނުމަށް ހުއްދަ ދެއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 ޖެހުމާއި ހަމައަށް ހުޅުވައިގެން ޑައިން އިން ޙިދުމަތް ދެވޭނެ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އަދި 6:00 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ޙިދުމަތް ދެވޭނެއެވެ. މީގެ އިތުރުން ހެނދުނު 8:00 އިން ހަވީރު 6:00 އަށް ސެލޫންތައް ހުޅުވައިގެން ހިދުމަތް ދެވޭނެކަމަށް އޭއީސީން ވަނީ ހާމަކޮށްފައެވެ.

އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ ހިތަދޫގައި އެކަނިއެވެ. ނަމަވެސް މިހާރު ހިތަދޫގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކޮށްގެން ޖަމާޢާތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާކަމަށް އޭއީއޯސީން ހާމަކުރެއެވެ. މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ހަވީރު 3:00 އިން 6:00 އަށް ކުޅިވަރު މައިޒާންތަކުގައި ކުޅިވަރު ކުޅެވޭނެ ކަމަށް އޭއީސީން ވިދާޅުވެއެވެ.

އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންއަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އީއޯސީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވިޔަފާރިތަކުން ގައިޑްލައިނަށް އަމަލު ކުރާ މިންވަރު ބެލުމަށް މުޢައްސަސާތަކުން ހަރަކާތްތެރިވަމުން ދާނެކަމަށް އީއޯސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އައްޑޫގައި ކަރަންޓީނު ވެގެން ތިބި ފަރަތްތަކުގެ ތެރެއިން ވެކްސިން ދެ ޑޯޒް ހަމަވެފައި ތިބި ފަރާތްތަކުން އެއަވަށެއްގެ އެސްއެސްޑީއާއި މަޢުލޫމާތު ހިއްސާ ކުރުމުން ރިލީޒް ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އީއޯސީން ވިދާޅުވެއެވެ.

އައްޑޫއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިރު މީގެ ތެރެއިން 447 މީހަކު ވަނީ ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިވަގުތު އެކްޓިވް 52 ކޭސް އޮތްއިރު ހިތަދޫގައި 46 ކޭސް، އަދި މަރަދޫގައި 6 ކޭސް އެބައޮތެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 220 ފަރާތެއް އެކްޓިވްކޮށް ތިބި ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަ ކުރެއެވެ.