ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މިދެ މާރުކޭޓުން ގޮޅިއެއް ދޫކުރާނީ ގޮޅިއެއްގެ ބޮޑު މިނަށް ބަލައި އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުންކަމަށެވެ. މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، ޕޮއިންޓު ދިނުމުގައި މިހާރުވެސް ގޮޅި ހިންގާ ފަރާތެއް ނަމަ، ގޮޅި ހިންގަމުންދާ މުއްދަތައް ބަލާނެއެވެ. އެގޮތުން ގޮޅި ހިންގާތާ 1 އަހަރު ވެފައިވާނަމަ 15 ޕޮއިންޓް ލިބޭއިރު، ދެއަހަރު ވެފައިވާނަމަ 30 ޕޮއިންޓް ލިބެއެވެ. އަދި 3 އަހަރު ވެފައިވާނަމަ 45 ޕޮއިންޓް ލިބޭނެއެވެ. މީގެ އިތުރުން ގޮޅި ލިބިފައިވާ މުއްދަތުގައި ގޮޅީގައި ހުރެގެން ހިންގާ ފަރާތެއް ނަމަ 30 ޕޮއިންޓް ލިބޭނެއެވެ. އަދި ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ގޮޅި ހިންގާ ފަރާތެއް ނަމަ، 15 ޕޮއިންޓް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ގޮޅި ހިންގާ މުއްދަތު ބަލާނީ 2018 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގޮޅި ހިންގަމުން އައި މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކުމަށް 163 ގޮޅި ވަނީ ހާއްސަ ކުރެވިފައެވެ. އަދި ހަމަ މިކަމަށް ލޯކަލް މާރުކޭޓުގައި 100 ގޮޅި ހާއްސަ ކުރެވިފައިވެއެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކުމަށް 32 ގޮޅި ހާއްސަ ކުރެވިފައިވާއިރު، ލުއިކާނާއި ސޮފްޓް ޕްރޮޑަކްޓްސްއަށް 35 ގޮޅި ވަނީ ހާއްސަ ކުރެވިފައެވެ. މީގެ އިތުރުން އިމްޕޯޓް މުދާއާއި ގަޑި ކަމަރު ވިއްކުމަށް ހާއްސަ 19 ގޮޅިއެއް ލޯކަލް މާރުކޭޓުގައި ވާނެއެވެ.

ގޮޅި ގުރުއަތުލާނީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު އެކަޓަގަރީއަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓުން މަތި ލިބޭ ފަރާތްތަކުގެ މެދުގައެވެ. އަދި ގުރުއަތުލާނީ ގޮޅިތައް ބެހިފައިވާ ގޮތަށް ،ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އެމާރުކޭޓަކަށް ވަކިވަކިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް މާލެސިޓީ ކައުންސިލުގެ ވެބްސައިޓުން ފޯމު ލިބިވަޑައިގަންނަވާނެއެވެ.