ޚަބަރު

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މެންބަރު ޢަބްދުﷲ ރިޔާޒް ޖޭޕީން ވަކިވެވަޑައިގެންފި


ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޖޭޕީން ވަކިވެވަޑަގެންކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި އަބްދުﷲ ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާތީ ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފައިވާކަމަށެވެ.

ޕާޓީން ވަކިވިކަން ހާމުކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި އަބްދުﷲ ރިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެމަނިކުފާނު ނިންމާފައިވާތީ ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގަތީކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރާއި މެންބަރުންގެ ފަރާތުން ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަަށެވެ.

ޢަބްދުﷲ ރިޔާޒް ޖޭޕީން ވަކިވެވަޑައިގެންފައިމިވަނީ އެމަނިކުފާނާއި ގާތް ބޭފުޅެއްކަމުގައިވާ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް އަމިއްލަ ޕާޓީއެއްގެ ތެރެއިން ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަވަން ނިންމަވައި އެކަން ފަށާފައިވާކަން ހާމަކުރައްވާފައިވަނިކޮށެވެ.