ވިޔަފާރި

އަޔާދީ ތަކާފުލްގެ ވިޔަފާރީގެ ފައިދާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ބަހަނީ


އެލައިޑް އިްންޝުއަރެންސްގެ، އަޔާދީ ތަކަފުލް އިންޝުއަރެންސް ޕޮލިސީތަކުގައި 2018ގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވިޔަފާރީގެ ފައިދާގެގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، ބަހަން ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ވިޔަފާރީގެ ސާފު ފައިދާ، ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 1،549 ފަރާތަކަށްކަމަށް އެކުންދުނިން ހާމަކުރެއެވެ. އެގޮތުން ސާފު ފައިދާގެގޮތުގައި 1،073،382 ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ. އަޔާދީގެ ސާފު ފައިދާއަކީ އާޔާދީ ސްކީމުގައި ބައިވެރިވުމަށްދޭ "ކޮންޓްރިބިއުޝަން" ފައިސާ ޖަމާކޮށް، ގާއިމްކުރާ ބައިވެރިންގެ ފަންޑުން ސީދާ ތަކާފުލާ ގުޅޭ ޚަރަދުތައް އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއެވެ.

އެލައިޑުން ހާމަކޮށްފައިވާ ގޮތުގައި ކޮންޓްރިބިއުޝަންގެ ރިޒާވެއް، އެފަނޑުގައި ކަނޑައަޅައެވެ. ސާފު ފައިދާގެ ގޮތުގައި ބަހަނީ އެއިން ގާތްގަނޑަކަށް %40 އެވެ.

އެލައިޑުން ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ސާފު ފައިދާގެގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރާނީ އެފަރާތަކުން ވެރިފައިކޮށްދީފައިވާ އެފަރާތެއްގެ ބޭންކް އެކައުންޓަކަށް ކަމަށެވެ. އަދި ކުރިއަށްއޮތް ދެމަސް ދުވަހުގެތެރޭގައި ވެރިފިކޭޝަން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 2018ވަނަ އަހަރުގެ ސާފު ފައިދާ ބަހަން ނިންމާފައިވަނީ އެކުންފުނީގެ ބޯޑުންނެވެ.

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ"ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ކޮންޓްރިބިއުޓަރުން ތަކާފުލް ޕޮލިސީގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެފައިސާގެ ތެރެއިން ވަކީލުގެ ގޮތުގައި ނަގާ ފީ އުނިކުރުމަށްފަހު، ބާކީ ހުންނަ ޢަދަދު ކޮންޓްރިބިއުޓަރުންނަށް ޚާއްސަ ފަންޑެއްގައި މެނޭޖުކޮށްދިނުމަށް އެއްބަސްވެގެންނެވެ.