ވިޔަފާރި

ހުޅުމާލޭ ސިޓީ ހޮޓާ ތަރައްޤީ ކުރާ ފަރާތާއެކު ދެމަހެއްހާ ދުވަހުގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: އެޗްޑީސީ


ހުޅުމާލޭ ސިޓީ ހޮޓާ ތަރައްޤީ ކުރާ ފަރާތާއި އެކު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް އެސްޓީއޯއާ ހަވާލުކުރީ 2007 ވަނަ އަހަރުއެވެ. އަދި ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށް ހޮޓާ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން 2012 ވަނަ އަހަރު ވަނީ ފަށާފައެވެ.

މި ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު އޭރުގެ ސަރުކާރުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދިޔައީ މި ހޮޓާ ވިއްކާލުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް މިކަންވެސް ކާމިޔާބު ވެފައި ނުވެ މަސައްކަތް ވަނީ ހުއްޓިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި އެސްޓީއޯއިން އެއްބަސްވެ އޭގެ ފަހުން މިތަން ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވިގެން ދިޔައެވެ.

މިމައްސައްކަތާއި ގުޅޭ ގޮތުން ޕީޢެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، މިމަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ ފަރާތުން ކުރި މަސައްކަތުގެ ތެރެއިން 3 ފަރާތަކުން މިތަން ތަރައްޤީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭގެތެރެއިން އެންމެ އެކަށީގެންވާ ފަރާތް ހޮވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓަށް ހުޅުވާލީމަ، އެކަމަށް 3 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރެއްވި. އޭގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތް ހޮވާ އެފަރާތާއި އެކީ މަޝްވަރާ ކުރަމުން މިދަނީ. މިމަޝްވަރާތަކަށް ފަހު އަޅުގަނޑުމެން އުއްމީދު ކުރަނީ އަލުން އެހޮޓާ ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް. އަދި ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ އަންޑަސްޓޭންޑިންގް އަކަށް އާދެވޭނެ ކަމަށް" ސުހެއިލް ވިދާޅުވިއެވެ.

ހުޅުމާލޭ ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް މަޝްވަރާ ކުރަމުންދަނީ ކޮން ފަރާތަކާއެކު ކަމަށް ސުހެއިލް ހާމަކުރައްވާފައި ނުވެއެވެ. އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ހޮޓަލަކީ އެކި ފަންތީގެ 250 ކޮޓަރި ހިމެނޭ ހޮޓަލެއްކަމަށް ކުރިން އެކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ރެސްޓޯރެންޓުތަކާއި އިވެންޓް ހޯލާއި އެހެނިހެން ޚިދުމަތްތައްވެސް މިހޮޓަލްގައި ހިމެނެއެވެ.

މި ހޮޓާ ތަރައްޤީ ކުރާނެ ފަރާތެއް މިހާރު އެޗްޑީސީން ހޯދާފައިވާއިރު، މިތަނުގެ މަސައްކަތް ކުރިއަށް ނުގޮސްފިނަމަ މިތަން އެހެން ބޭނުންތަކަށް ބޭނުން ކުރަން ނިންމާނެ ކަމަށް މީގެ ކުރީން އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.