ވިޔަފާރި

އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކުރި: ބޭންކް އޮފް މޯލްޑިވްސް


އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، ޓިމް ސޯޔާ ވަނީ ކޯވިޑްގެ ހާލާތާއެކު ބޭންކަށް ދިމާވި ގޮންޖެހުންތަކަށް އަލި އަޅުއްވާލާފައެވެ. އެގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، %60 އަށް ވުރެ ބޮޑު ދަށްވުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަންކަމާއެކުވެސް ބޭންކާއި މިދިޔަ އަހަރު މުޅިން އަލަށް 12،000 ކަސްޓަމަރުން ގުޅުނު ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މުޅިން އައު ލޯނުގެ ގޮތުގައި 3 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ޓިމް ވިދާޅުވިއެވެ.

ޓިމްގެ ވާހަކައިގައި ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް އަސަރު ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދު ހިފެހެއްޓުމަށް ބީއެމްއެލްއިން މުހިންމު ދައުރެއް އަދާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިޤްތިޞާދު ހަރުދަނާ ކުރުމަށް ބޭންކުގެ ސްޓްރެޓީޖިކް ޕްލޭނެއް ތެރެއިން، ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށް އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިކަންކަމުގެ ތެރެއިން މެދުކެނޑުމެއްނެތި ބޭންކިންގ ޚިދުމަތް ކުރިޔަށް ގެންގޮސް ކޯވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭންސިންގއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު ކަން ބީއެމްއެލްއިން ވަނީ ފާހަގަ ކޮށްފައެވެ.