ބީއެމްއެލްގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައިވުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލު ގެނެސްފައެެވެ. އޭރު އެގޮތަށް ނިންމީ ރާއްޖޭން ބޭރުވާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުމާއި،.ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުމުގެ ގޮތުންކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުން ކަމަށާއި، މިިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލައި، ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެކަމަށްވެސް ބީއެމްއެލުން ވިދާޅުވެއެވެ.
ބީއެމްއެލުން ވިދާޅުވީ ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށާއި މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ.
މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.
ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެކަމަށާއި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެކަމަށެވެސް ބީއެމްއެލުން ވިދާޅުވެއެވެ.