ވިޔަފާރި

އައްޑޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ އާމްދަނީގެ %75 ވެސް ނުލިބޭ: މޭޔަރު


އައްޑޫސިޓީ ކައުންސިލަށް ލިބެން ޖެހޭ އާމްދަނީގެ %75 ވެސް ނުލިބޭ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރެވިފައިވާ އާމްދަނީ އަކީ 34 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 5 ވަރަކަށް މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ 6 މަސް ދުވަހުގެ ތެރޭގައި ނުލިބިވާ ފައިސާ ލިބޭނެ ކަމުގެ މާބޮޑެތި އުއްމީދުތަކެއް ނެތް ކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ އައްޑޫގެ ބިމު ކުލިން، ކަމަށް ސިޓީ މޭޔަރ އަލީ ނިޒާރު ވަނީ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވީ ކައުންސިލާއި ހަވާލުވުމަށްފަހު އައު ކައުންސިލުން ބެލިއިރު ކައުންސިލް ހިންގުމުގައި ތަފާތު ގިނަ މައްސަލަތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން އައި ބަދަލުތަކާއި ކައުންސިލުގެ ބައެއް ލިއެކިއުންތައް ނެތުމާއި އެއްބަސްވުންތައް ބެލެހެއްޓިފައި ނެތް ކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަރަށް ކުރީއްސުރެ ހަދާފައިވާ ބިމު ކުލީގެ އެއްބަސްވުން ތަކުގެ ދަށުން 2000 އަކަފޫޓުގެ ބިންތަކަށް ވެސް 200 ނުވަތަ 300 ވަރަކަށް ރުފިޔާ މިހާތަނަށް ވެސް ދައްކަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އައު އުސޫލުގެ ދަށުން ކައުންސިލުން ބިން ދޫކުރާނެ އަގުތައް ނިޒާރު ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އައްޑޫގެ ބިމު ކުލީގެ ގޮތުގައި 5000 އަކަފޫޓާއި ހަމައަށް ބިމެއް 1 ރުފިޔާގެ ނިސްބަތުން ދޭއިރު، 5000-10،000 އަކުފޫޓު ބިމަކަށް ނަގަނީ 75 ލާރިއެވެ. އަދި 10،000-15،000 އިގެ ބިމަކަށް 65 ލާރި އަދި އެއަށް ވުރެ ބޮޑު ބިމެއްނަމަ އަކަފޫޓަކަށް ކަނޑައަޅާފައިވަނީ 60 ލާރި ކަމަށް ނިޒާރު ވިދާޅުވިއެވެ.

"2000 އަކަފޫޓު ބިމަކަށް 200، 300 ރުފިޔާ ދައްކާ ބައެއް ފަރާތްތައް އެބަހުރި އައްޑޫގެ ބިމަށް. މިއީ ހަމަ ހަގީގަތެއް. އެގްރީމެންޓުތަކަށް އަޅުގަނޑުމެން މިހާރު ހުރި އަގުގަ ލާރި ނަގަމުންދާނީ މުއްދަތު ހަމަވަން ދެން. އަލުން ރިނިއު ކުރެވޭއިރު، މިދެންނެވި އުސޫލު އެޕްލައި ކުރެވޭނެ. އަޅުގަނޑުމެން މިހާރު ނިންމައިގެން މިތިބީ. ހިލޭ އައްޑޫގެ ބިން އެއްވެސް ބަޔަކަށް ދެވޭނެ ގޮތެއް ނެތް. އެކަން އެގޮތަށް ނުކުރެވޭނެ." ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ ބިމު ކުލީގެ %75 ނުލިބޭއިރު މިވަގުތަށް މިއާމްދަނީ ހޯދުމަށް މަޖުބޫރު ކޮށްގެން އެކަން ގިނަ ފަރާތްތަކަށް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން މިކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނެއް ނެތުމުން ކޮމާޝަލީ މުހިންމު ސަރަހައްދު ތަކުން ގެވަޅު ދޫކޮށް ބިން ބަހާ ނިންމާފައިވާކަން ނިޒާރު ފާހަގަ ކުރެއްވިއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ހުޅަނގާއި، އިރުމަތީގައި ހުރި ބިންތައް ކައުންސިލަށް ނަގަން ނިންމާފައިވާކަން ފާހަގަ ކުރައްވާ މިއީ ކައުންސިލުގެ އާމްދަނީ އިތުރު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ބިންތައް ނެގޭ އިރު، ބަދަލު ވަގުތުން ދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި ރެޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަން ނިޒާރު ވަނީ ފާހަގަ ކުރައްވާފައެވެ.