ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލު ނުކުރުމާއި ގުޅިގެން، މާލެ ސަރަހައްދުގެ 3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ލައިސެންސް ބާޠިލް ކޮށްފައިވަނީ ދާދި ފަހުން އެޗްޕީއޭއިން ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި ގުޅޭ ގޮތުން ނެރެފައިވާ އެންގުމާއި ޚިލާފުވި ގެސްޓު ހައުސްތައް ކަމަށެވެ. އެގޮތުން 3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށް އިތުރު 3 ތަނަށްކަށް އިންޒާރު ދީފައިވާ ކަމަށެވެ.
އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން، ޓްރާންސިޓް ހާލަތުގައި ފިޔަވައި މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި 48 ގަޑި އިރަށް ވުރެ ގިނަ އިރަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ނުތިބެވޭނެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ ގެސްޓްހައުސްއެއްގައި މިވަގުތަށް ދެކުނު އޭޝިއާ ފަތުރުވެރިން ބޭތިއްބުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ މިތަންތަން ޗެކްކޮށްފައިވަނީ، ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. އަދި އިތުރު ތަންތަނުގެ އިންސްޕެކްޝަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީގެ ބޭނުމަކީ ފިޔަވަޅު އެޅުން ނޫން ކަމަށާއި، ނަމަވެސް މިވަގުތު ކަނޑައެޅިފައިވާ ގައިޑްލައިން ތަކަކީ އެންމެންގެ ރައްކަލަކަށް ހެދިފައިވާ ގައިޑްލައިންތައް ކަމުން އެއަށް ޢަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދެކުނު އޭޝިއާގައި ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލާފައިވަނީ މިދިޔަ މޭއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ގާތްގަނޑަކަށް 2 މަސް ދުވަސްފަހުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދޫކުރަން ފެށީ މި މަހުގެ 15ވަނަ ދުވަހުއެވެ. އަދި މިމަހުގެ 30ވަނަ ދުވަހު ގެސްޓުހައުސްތައް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށް ސަރުކާރުން މީގެކުރިންވަނީ ވިދާޅުވެފައެވެ.