ކުޅިވަރު

އައްޑޫ ސިޓީ ބަލިކޮށް ހޮޅުދޫ ޗެމްޕިއަންކަން ހޯދައިފި


މައިލޯ 8ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީ ހޯދައިފިއެވެ. މިދިޔަ އަހަރުގެ ފައިނަލްގައިވެސް ވާދަކުރި ނ.ހޮޅުދޫ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި އައްޑޫ ސިޓީ ޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗް ހޮޅޫދޫ ޓީމް ކާމިޔާބުކުރީ ތިން މެޗް އެއް މެޗުންނެވެ.ފައިނަލްގެ ފުރަތަމަ މެޗްގައި އައްޑޫ ސިޓީ ޓީމްގެ އިބްރާހިމް ނަޝީދުވަނީ ހޮޅުދޫ ޓީމްގެ އަބްދުﷲ މުތީއުގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދާފައެވެ. އެހެން ނަމަވެސް ހޮޅުދޫ ޓީމުންވަނީ ޖެހިގެންއައި ތިން މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލްގެ ދެވަނަ މެޗުގައި ހޮޅުދޫގެ އަހުމަދު ހުނައިފް އަދި މުމްތާޒް އިބްރާހިމްގެ ޕެއަރވަނީ އައްޑޫ ސިޓީ ޓީމްގެ އަހްމަދު މުނީޒް އަދި މުހައްމަދު އިނާންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދާފައެވެ. ފައިނަލްގެ ތިންވަނަ މެޗުގައި ހޮޅުދޫގެ އަބްދުﷲ މުތީއު އަދި އިބްރާހިމް އުނައިޝް ސީދާ ދެ ސެޓުން ކުރި ހޯދީ އައްޑޫ ސިޓީ ޓީމްގެ އިބްރާހިމް ނަޝީދު އަދި އަހްމަދު މުނީޒްއާއި ވާދަކޮށެވެ. ފައިނަލްގެ ހަތަރުވަނަ މެޗުގައި އަހުމަދު ހުނައިފްވަނީ ފަސޭހަކަމާއިއެކު ސީދާ ދެ ސެޓުން އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ހޯދާފައެވެ.މައިލޯ 8ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގައި މިއަހަރު އަށް ޓީމްވަނީ ބައިވެރިވެފައެވެ.