ވިޔަފާރި

ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް


ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފިއެވެ.

މި އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ރަޝިއާ އަދި ޔޫކްރެއިންގައި ޓުއަރ އޮޕަރޭޓަރ ޙިދުމަތްދޭ ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސްއާ ގުޅިގެންނެވެ.

މިދިޔަ އަހަރުތެރޭވެސް ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ ދަތުރުތައް ވަނީ ރާއްޖެއަށް ބާއްވާފައެވެ. ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމާފައިވާކަން އިޢުލާންކޮށްފައިވަނީ ރިސޯޓް ލައިފް ހޮލިޑޭސްގެ ފަރާތުން ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ޔޫރެއިންގައި 'މޯލްޑިވްސް ޑޭ'ގެ ނަމުގައި ބޭއްވި ޙާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

ޔޫކްރެއިން އިންޓަރނޭޝަންލް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމުމާއި ގުޅިގެން ރިސޯޓް ލައިފް ހޮލިޑޭސްގެ ސީއީއޯ މުޙައްމަދު ޝާޒް ވަލީދު ވިދާޅުވީ މިދިޔަ އަހަރު ޔޫކްރެއިން އިންޓަރނޭޝަނަލްގެ ދަތުރުތައް ރާއްޖެއަށް ބާއްވާފައިވަނީ ޗާޓަރކޮށް ވަކި މުއްދަތަކަށް ނަމަވެސް، މިއަހަރުގެ ޑިމާންޑަށް ބެލުމަށްފަހު ދަަތުރުތައް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

ވަލީދު ވިދާޅުވީ ފަތުރުވެރިކަމުގެ ސީސަންއާއި ދިމާކޮށް ރާއްޖޭގެ ދެކުނަންވެސް ޔޫކްރެއިން އިން ދަތުރުތައް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ.

"އެޑް ހޮކް ފްލައިޓްތަކެއް ސައުތަށް އެޅޭތޯ މި ބަލަނީ، އެޓްލީސްޓް 2 ފްލައިޓް 3 ފްލައިޓުވަރު އެޅޭތޯ އަޅުގަނޑުމެން މި ބަލަނީ،" ވަލީދު ވިދާޅުވިއެވެ.

ޔޫކްރެއިން އިންޓަރނޭޝަނަލްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ޔޫކްރެއިން ވެފައިވަނީ މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ސީސަންގައި ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމަށެވެ.