ރާއްޖެ އަންނަ ކޮންމެ މީހަކު 96 ގަޑިއިރުނުވާ ކޯވިޑް ނެގެޓިވް ނަތީޖާ ގެންނަން ޖެހޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައްވެސް ރާއްޖެއަށް ދަތުރުކުރާއިރު 96 ގަޑިއިރުނުވާ ކޯވިޑް ނެގްޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއް އަހަރު ނުވާ ކުޑަކުދިން ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭނެ ކަމަށްކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.
All inbound travelers are obliged to hold a negative PCR test result with a sample taken within 96 hours prior to departure from the first port of embarkation. pic.twitter.com/Iz85XyRSBc
— Maldives Immigration (@ImmigrationMV) July 26, 2021
މީގެކުރިން ރާއްޖެއަށް އެތެރެވާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެކެވެ.
ސަރުކާރުން ވަނީ ދާދިފަހުން ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރުން އައިސް ރާއްޖޭގައި ކަރަންޓީން ވާން ނުޖެހޭގޮތަށްވެސް ވަނީ ލުއިދީފައެވެ.
އަދި ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޯވިޑް ވެކްސިން ފުރިހަމަކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައްވެސް ކަރަންޓީނު ވާން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.