ކޯވިޑްއަށްފަހު ޤައުމުތައް ދަތުރުތަކަށް ހުޅުވާލުމުން އެންމެ ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެއަށްކަމަށް "އެސްޓާ އެމެރިކާ"އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އެސްޓާ އެމެރިކާއިން "ގޫގުލް ސާޗް ވޮލިއުމް"އަށް ބިނާކޮށް ހެދި މިދިރާސާގައި ބަލާފައިވަނީ އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ފަހު ދަތުރު ކުރަން ބޭނުންވަނީ ކޮން މަންޒިލެއްތޯއެވެ. އެގޮތުން ގޫގުލް މެދުވެރިކޮށް އެޤައުމަކާއި ބެހޭ މައުލޫމާތު ބަލާފައިވާ މިންވަރަށް ބަލައި ހެދި މިދިރާސާއިން ދައްކާގޮތުން މަހެއްގެ މައްޗަށް ރާއްޖެއާއި ގުޅޭ ގޮތުން 130970 މީހުން މައުލޫމާތު ހޯދާފައިވެއެވެ. މިއީ ފަތުރުވެރިކަމުގެ އެހެން މަންޒިލްތަކާއި އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.
މި ލިސްޓުގެ އެންމެ ކުރި ހޯދާފައިވަނީ ރާއްޖެ އާއި އިންޑިއާއިންނެވެ. އިންޑިއާއި ރާއްޖެއާ ދެމެދު ހުރީ 220ގެ ތަފާތެކެވެ. މިލިސްޓުގެ 3 ވަނަ ގްރީސްއިން ހޯދި އިރު، ތުރުކީ ވަނީ 4 ވަނަ ހޯދާފައެވެ. ބާކީ ގަދަ ދިހައެއްގައި ހިމެނޭ އެއްވެސް ޤައުމެއްގެ ސާޗް ވޮލިއުމް ލައްކައަކުން މައްޗަށް ނާރައެވެ.
މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއް މަންޒިލްތަކަށް މީހުންގެ ޝައުޤުވެރިކަން ކުޑަވެފައިވާކަންވެސް މިދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މޮރޮކޮ، ޔޫއޭއީ އާއި ލާއޯސް ފަދަ ޤައުމުތަކުގެ ސާޗް ވޮލިއުމް އުޅެނީ 15،000 އަށް ވުރެ ދަށުގައެވެ. މީގެ އިތުރުން މިދިޔަ އަހަރު 3 ވަނަ ކުއާޓަރުގެ ތެރޭގައި އެއްވަނައިގައި އޮތް އިޓަލީ ވަނީ 13 ވަނައަށް ތިރިވެފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކޯވިޑްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާއަށް 935 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. ދަތުރުފަތުރުގެ ދައިރާ ދުނިޔޭގެ ޖީޑީޕީއަށް ގާތްގަނޑަކަށް %8.9 ޓްރިލިއަން ޑޮލަރު ހިއްސާ ކުރާކަމަށް ބެލެވޭއިރު، ކޯވިޑްގެ ސަބަބުން ގިނަ ޤައުމުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ނަމަވެސް ޤައުމުތަކުގެ އިޤްތިޞާދު މަޑުމަޑުން އާރާސްތުވަމުން އަންނަކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ވެކްސިން ދިނުން އިތުރުވެ، ޤައުމުތަކުގެ ބޯޑަރު އަލުން ހުޅުވެމުން ދިއުމާއި އެކު ގިނަ ފަތުރުވެރިކަންވެސް ދަނީ ކުރިއަރަމުންނެވެ.
ރާއްޖޭގައި ވެސް ކޯވިޑް ކޭސްތައް މަދުވެ، ވެކްސިން ދެވިފައިވާ މީހުންގެ އަދަދު އިތުރުވުމާއެކު އެމްއެމްޕީއާރުސީން ދަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ގޮތުގައި ޕްރޮމޯޓު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ފަތުރުވެރިކަމުގެ ދައިރާގެ މަސައްކަތްކުރާ މެޖޯރިޓީ މުވައްޒަފުން ވެކްސިން ދެ ޑޯޒް ހަމަ ކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖެ އައުމަށްވެސް ބޮޑެތި ލުއިތަކެއްވެސް މިހާރުވަނީ ދީފައެވެ.