ވިޔަފާރި

އެސްޓީއޯއަށް ދެވަނަ ކުއާޓާގައި 110 މިލިއަން ރުފިޔާގެ ފައިދާއެއް


މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 110 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ ދެވަނަ ކުއާޓާގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ފަސް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ލިބިފައިވަނީ 1.29 ބިލިއަން ރުފިޔާއެވެ. ސާފު ފައިދާގެ ގޮތުގައި ޖެހިފައިވަނީ 105 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ލިބުނު އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް އަރާއިރު، ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން 1.4 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން މިކުއާޓާގައި ލިބިފައިވެއެވެ. އެކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 770 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ތެލުގެ ވިޔަފާރިން ކުންފުންޏަށް ލިބިފައިވަނީ 629 މިލިއަން ރުފިޔާއެވެ. މިއާއެކު މިދިޔަ އަހަރާއި އަޅާބަލާއިރު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ މިވަނީ %78 އިތުރުވެގެން ގޮސްފައެވެ.

އެކުންފުނީގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓާގައި ޖުމްލަ ޚަރަދު 255 މިލިއަން އަށް އަރައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޚަރަދުވީ 231 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.