ސިޔާސީ

ދިވެހި ޚާރިޖިއްޔާއަކީ ޤައުމުގެ ފުރަތަމަ އައްޑަނަ - ދުންޔާ


ދިވެހި ޚާރިޖިއްޔާއަކީ ޤައުމުގެ ފުރަތަމަ އައްޑަނަ އާއި ދިފާޢުކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް 2 އަހަރު ފުރުމާއި ދިވެހިރާއްޖެ އދ. ގެ މެންބަރު ޤައުމަކަށްވިތާ 50 އަހަރު ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ދިވެހި ޚާރިޖިއްޔާގެ މަސައްކަތަކީ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ރާޅުތައް މިޤައުމުގެ ދޮންވެލި ގޮނޑުދޮށްތަކަށް ބިންދާލުމުގެ ކުރިން އެކަން ހުއްޓުވުމާއި ޤައުމަށް ކުރިމަތިވާ ލޮޅުންތަކުގެ އަސަރު ކުޑަކުރުން ކަމަށެވެ.މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖިއްޔާގެ މަސައްކަތަކީ ޚާރިޖީ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި، ފައިދާ ކުރުވަނިވި ފުރުޞަތުތައް ފަހިކޮށްދީ، އެކަންތައްތަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ހޯދަވައިދެއްވުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެންމެ އިސް އަމާޒަކީ ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާއި އޮންނަ ގުޅުންތައް ވަރުގަދަ ކުރުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ ޚާރިޖީ ގުޅުން އެކަމެއްގެ މައްޗަށް ބިނާވެފައި އޮންނަ އެންމެ މުހިއްމު އެއް އަމާޒަކީ އެހެން ޤައުމުތަކާއި އޮންނަ ގުޅުންތައް ވަރުގަދަ ކުރުންކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ދިވެހި ޚާރިޖިއްޔާގެ މަސައްކަތުގެ ބޮޑު ބައެއް ބިނާވެފައިވަނީ، ރާއްޖެއަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުނާއި ޘަޤާފީ ގޮތުން މަންފާކުރާނެ ގުޅުންތައް ބަދަހިކޮށް، އެގުޅުންތައް ވަރުގަދަކުރުމާއިއެކު، މިސަރަހައްދުގެ ހަމަޖެހުމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމުގެ މައްޗަށްކަމަށްވެސް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދިވެހި ޚާރިޖީ ސިޔާސަތުގެ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި 2 އަހަރު އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ މެންބަރުކަމުގެ ދެވަނަ ދައުރަކަށް ރާއްޖެ އިންތިޚާބުވެފައި ކަމަށާއި، 2014 ވަނަ އަހަރުން ފެށިގެން އެ ކައުންސިލްގައި ރާއްޖެ ތަމްސީލުކޮށް، މިރޮނގުންވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.