މޮނީޓަރިން އިން ނެގުމާއެކު މަސްކިރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކޮށްފިއެވެ.
ކޯވިޑާއި ގުޅިގެން ކޫއްޑޫ ބަންދު ކުރުމަށްފަހު، 48 ދުވަސްފަހުން އަލުން މަސްކިރުވުމުގެ އޮޕަރޭޝަން އަލުން ފެށިފައިވާ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ބުނެއެވެ. ކޫއްޑޫ މޮނީޓަރިންގައި އޮތް އިރު ކޫއްޑޫއަށް ސީދާ މަސް ނުކިރިޔަސް މަސްވެރިކަން ރަނގަޅުވެގެން އައިއިރު ކޫއްޑޫ ބަނދަރުގައި ކަލެކްޓަރ ވެސެލްއެއް ބާއްވައިގެން މަސްކިރުވުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ.
އެރަށް މޮނީޓަރިންއަށް ލާފައިވަނީ، މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އެރަށުން ކޯވިޑް ކޭސްތަކެއް ފެނުމާއިއެކުއެވެ. އަދި އެރަށް މޮނީޓަރިން އަށް ލައި ކޯވިޑް ކޭސްތައް ފެތުރިގެން ދިއުމާއި އެކު، ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެޗްޕީއޭއިން އެރަށް މޮނީޓަރިން އިން ނަގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ސިނާޢީ ރަށެއް ކަމަށްވާ ކޫއްޑޫ މޮނީޓަރިން އިން ނަގައި އެޗްޕީއޭއިން އެންގި އެނގުމުގައި މޮނީޓަރިން އިން ނަގާފައިވަނީ ޝަރުތުތަކަކާއި އެކުއެވެ.
އެގޮތުން ފުރަތަމަ ރެންޑަމް ސާމްޕަލް ނެގުނުތާ 7 ދުވަސް ފަހުން ކޫއްޑޫ އެއަރޕޯޓުގެ ހުރިހާ މުވައްޒަފުން ސާމްޕަލް އަލުން ނެގުމަށް ވަނީ އަންގާފައެވެ. އަދި ކުރިން ރެންޑަމް ސާމްޕަލް ނުނެގޭ މުވައްޒަފުންގެ ތެރެއިން %10 ހިމެނޭހެން ރެންޑަމް ސާމްޕަލް ނަގަން ޖެހެއެވެ.
ކޫއްޑޫއިން ޖުމްލަ 193 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިއެވެ. މީގެ ތެރޭގައި ކޫއްޑޫ ފެކްޓަރީން ޕޮޒިޓިވްވި 163 މީހުން ހިމެނެއެވެ. އަދި މިހާތަނަށް 181 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށް ކޫއްޑޫން ވަނީ ހާމަކޮށްފައެވެ.